(އެމްބީއެސް) އިން އަންދާޒާކުރާ ގޮތުގައި 2019 ވަނަ އަހަރުގެ އަސާސީ އަގުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ އިޤްތިސާދީ މިންވަރު ހުރީ 8.51 ބިލިއަން ރުފިޔާގައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް ވަނީ 4.0 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރިއަލް އެސްޓޭޓް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، އަދި އިމާރާތްކުރުމުގެ ދާއިރާގެ ހަރަކާތްތައް އިތުރުވުންމަކަމަށް އެ ބިއުރޯއިން ކޮންމެ މަހަކު ނެރޭ މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އަންދާޒާކުރާ ގޮތުގައި 2019 ވަނަ އަހަރުގެ އަސާސީ އަގުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ އިޤްތިސާދީ މިންވަރު ހުރީ 8.51 ބިލިއަން ރުފިޔާގައެވެ. މިއީ ކުރީ އަހަރަށްވުރެ 330 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަހަރީ ކުރިއެރުން އޮގަސްޓު މަހު ހުރި 2.4 އިންސައްތައާ އަޅާބަލާއިރު މަތިވެފައިވާއިރު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.
މި މުއްދަތުގައި އިޤްތިޞާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ ރިއަލް އެސްޓޭޓް ދާއިރާއިންނެވެ. އެއީ 0.9 ޕަސެންޓޭޖް ޕޮއިންޓެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި އިމާރާތްކުރުމުގެ ދާއިރާގެ ކޮންމެ ދާއިރާއަކުން 0.8 ޕަސެންޓޭޖް ޕޮއިންޓް ހިއްސާކޮށްފައިވާއިރު، ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތަކުގެ ދާއިރާއިން ވަނީ 0.6 ޕަސެންޓޭޖް ޕޮއިންޓް އިތުރުވެފައެވެ.
އަހަރުން އަހަރަށް ބަލާއިރު އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތައް 16.6 އިންސައްތަ ކުރިއަރައި 457 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.8 އިންސައްތަ ކުރިއަރައި 815 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އެތެރެކުރެވުނު (އިމްޕޯޓް) މުދަލުގެ މިންވަރު އިތުރުވުން ކަމަށް އެމް.ބީ.އެސް އިން ފާހަގަކުރެއެވެ. މީގެ އިތުރުން ދަތުރުފަތުރާއި މުވާޞަލާތީ ދާއިރާއަށް ވެސް ވަނީ 0.6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.
ފުރަތަމަ ނުވަ މަސްދުވަހުގެ އިޤްތިޞާދީ ކުރިއެރުން މަތިވުން
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރެއިން، އޭޕްރީލް މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައި ވެސް ކުރީ އަހަރަށްވުރެ އިޤްތިޞާދީ ކުރިއެރުން ވަނީ މަތިވެފައެވެ. އެމް.ބީ.އެސްގެ ހިސާބުތަކަށް ބަލާއިރު، ޖެނުއަރީން ސެޕްޓެމްބަރަށް ޖުމްލަ ޢަދަދު ހުރީ 81.1 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.5 އިންސައްތައިގެ ކުރިއެރުމެކެވެ.
އޮގަސްޓު މަހާ އަޅާބަލާއިރު ހަރަކާތްތެރިކަން މަޑުޖެހުން އޮގަސްޓު މަހާ އަޅާބަލާއިރު، ސެޕްޓެމްބަރު މަހުގެ އިޤްތިޞާދީ ދުވެލި ވަނީ 11.6 އިންސައްތަ ނުވަތަ 1.12 ބިލިއަން ރުފިޔާ ދަށްވެފައެވެ.
ސެޕްޓެމްބަރު މަހުގެ އިޤްތިސާދީ ހަރަކާތްތަކުގެ އެންމެ ބޮޑު ހިއްސާއެއް (18.5 އިންސައްތަ) ފޯރުކޮށްދިން ފަތުރުވެރިކަމުގެ ދާއިރާ ވަނީ މަހުން މަހަށް ބަލާއިރު 29.5 އިންސައްތަ ދަށްވެފަ އެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހިނގަމުންދާ ހަނގުރާމައެވެ. މި ހަމަނުޖެހުން ނިމުމުން ފަތުރުވެރިކަން ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް އަންދާޒާކުރެވެއެވެ.
މި ދަށްވުމަކީ 2024 އަދި 2025 ވަނަ އަހަރު ވެސް އޮގަސްޓު މަހުން ސެޕްޓެމްބަރު މަހަށް އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހޭ އާންމު އުސޫލުން އައިސްފައިވާ ބަދަލެކެވެ. އެހެންނަމަވެސް، ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހަކީ އެންމެ ބޮޑު އިޤްތިޞާދީ ކުރިއެރުމެއް ރެކޯޑުކުރެވުނު މަހެކެވެ.