އޮގަސްޓް މަހުގެ ނިޔަލަށް މި އަހަރުގެ ތެރޭގައި ގްރީން ފަންޑަށް ޖުމްލަ 1.56 ބިލިއަން ރުފިޔާ ޖަމާވެފައިވާއިރު، ޖުމްލަ 4.6 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

މި އަހަރުގެ އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 199.04 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ގްރީން ފަންޑު ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން އާއްމުކުރި ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި ޖުމްލަ 199 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ޖުލައި މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 143.12 މިލިއަން ރުފިޔާ އެވެ.
ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން އަތޮޅުތަކަށް ބަލާއިރު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެ އަތޮޅުން 75.47 މިލިއަން ރުފިޔާ ލިބިފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ލިބިފައިވަނީ ރ. އަތޮޅުންނެވެ. އެއީ 25.17 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އދ. އަތޮޅުން 15.51 މިލިއަން ރުފިޔާ، ޅ. އަތޮޅުން 14.17 މިލިއަން ރުފިޔާ އަދި ނ. އަތޮޅުން 14.04 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މި ރިޕޯޓުގައިވާ ގޮތުން ތިމާވެށީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް އުފައްދާފައިވާ ގްރީން ފަންޑުން އޮގަސްޓް މަހު އެކި މަޝްރޫއުތަކަށް ޖުމްލަ 20,6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކ. ހިންމަފުށީގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއަށެވެ. އެ މަޝްރޫއަށް 6.38 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއަށް 5.62 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އޮގަސްޓް މަހުގެ ނިޔަލަށް މި އަހަރުގެ ތެރޭގައި ގްރީން ފަންޑަށް ޖުމްލަ 1.56 ބިލިއަން ރުފިޔާ ޖަމާވެފައިވާއިރު، މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ 192.98 މިލިއަން ރުފިޔާ އެވެ. މި އަދަދުތަކާއެކު އޮގަސްޓް މަހުގެ ނިޔަލަށް ގްރީން ފަންޑުގައި ޖުމްލަ 4.95 ބިލިއަން ރުފިޔާ އެބަހުއްޓެވެ.