‎ބޭރުގެ ބިޔަ އިންވެސްޓުމަންޓުތަކުން މިނިވަންކަމާއި އިސްތިގުލާލު ވާނީ އިތުރަށް ވަރުގަދަ: ނަޝީދު

‎މީގެ ކުރިން މި މަހުގެ އެއްވަނަ ދުވަހު، ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައިވެސް ނަޝީދު ވަނީ މި މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝީދު. --ފޮޓޯ: އެމްޑީޕީ

‎ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފް.ޑީ.އައި) އަށް މަރުހަބާ ކިޔުމަކީ ގައުމެއްގެ މިނިވަންކަމަށް ނުވަތަ އިސްތިގުލާލަށް އަސަރުކުރާ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އިގްތިސާދު ވަރުގަދަވެ، އަމިއްލަ އިސްތިގުލާލު ހިމާޔަތްކުރުމުގެ ފަންވަރު ގައުމަށް ލިބިގެންދާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

‎މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަން ދުށް ގައުމުތަކުގެ ތެރެއިން ތަރައްގީ ކަށަވަރު ކުރެވުނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކީ ގައުމުތަކަށް އެކަނި ކަމަށެވެ. 

އަދި އެފަދަ އިންވެސްޓްމަންޓަކީ ހަމައެކަނި ރޯ މެޓީރިއަލް ނެގުން ކަމަށް ވެގެން ނުފުދޭނެ ކަމަށާއި، އޭގެ ބަދަލުގައި އުފެއްދުންތެރިކަމަށް މަގުފަހިވާ އިންވެސްޓްމަންޓަކަށް ވާންޖެހޭ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ސިންގަޕޫރު ނުވަތަ ސައުތު ކޮރެއާގެ މިނިވަންކަމަށް ނުވަތަ އިސްތިގުލާލަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަކުން އަސަރެއް ނުކުރޭ. އޭގެ ބަދަލުގައި އެ ގައުމުތަކުގެ އިގްތިސާދު ވަރުގަދަވެ، އެ ބާރުގައި އިސްތިގުލާލް ހިމާޔަތް ކުރުމުގެ ފަންވަރު ލިބި، ބައިނަލްއަގުވާމީ ދަނޑުގައި ޖާގަ ކަށަވަރުވި،" ނަޝީދު ވިދާޅުވި އެވެ.

‎ނަޝީދު ނުސީދާކޮށް އިޝާރާތްކުރެއްވީ، ރަސްމާލޭގެ 500 ހެކްޓަރުގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ގެއްލޭނެ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށެވެ.

‎މީގެ ކުރިން މި މަހުގެ އެއްވަނަ ދުވަހު، ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައިވެސް ނަޝީދު ވަނީ މި މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

‎‎ސަރުކާރުން ހާމަކޮށްފައިވާ އަންދާޒާތަކުން ދައްކާ ގޮތުގައި، 500 ހެކްޓަރުގެ ބިން އާދައިގެ ރިސޯޓުތަކުގެ ގޮތުގައި ދޫކޮށްގެން 99 އަހަރުން ދައުލަތަށް ލިބޭނީ އެންމެ ގިނަވެގެން 514 މިލިއަން ޑޮލަރެވެ. 

ނަމަވެސް އީގަލް ހިލްސްގެ އިންވެސްޓްމަންޓް މެދުވެރިކޮށް، ދައުލަތުން 1 ބިލިއަން ޑޮލަރުގެ ޔުޓިލިޓީ ހަރަދު ކުރަން ނުޖެހި، ފުރަތަމަ 10 އަހަރު ތެރޭ %10 އާމްދަނީގެ ހިއްސާއިން 3.1 ބިލިއަން ޑޮލަރާއި، %4 ޓްރާންސްފާ ފީއާއި، ރިސޯޓުތަކަށްވުރެ 8 ގުނަ އިތުރު ޓީޖީއެސްޓީ އާއެކު ޖުމްލަ 11 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބި، 15,000 ދާއިމީ ވަޒީފާ އުފެދިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އަދި ‎ދައުލަތުން ބޭރުގެ ބޮޑެތި ލޯނު ނެގުމުގެ ބަދަލުގައި، ދައުލަތަށް ލިބޭ %10 އާމްދަނީގެ ހިއްސާއިން ކެނޑޭ ގޮތަށް އީގަލް ހިލްސް އިން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހުޅުމާލޭގައި ތިން ކޮޓަރީގެ 5,000 ފްލެޓް އޮގަސްޓް 2028 އަށް އަޅައިދޭނެ އެވެ. 

‎ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ގެ ދަށުން ރަސްމާލޭން ބިން ނުވިއްކައި، ހުރިހާ ފައިސާއެއް ދައުރުވާނީ ދިވެހި ބޭންކުތަކުގެ އެސްކްރޯ އެކައުންޓްތަކުންނެވެ. 

އަދި ރަލާއި އޫރުމަހާއި ކެސިނޯ މުޅިން މަނާކޮށް، އިޒްރޭލުގެ ރައްޔިތުންނާއި ކުންފުނިތަކަށް އެއްވެސް މުއާމަލާތެއްގައި ބައިވެރިވުން މުޅިން މަނާކޮށް، %100 ދިވެހި ގާނޫނުގެ ބާރު އެތަންތާ ހިނގާނެ ގޮތަށް އެ ގާނޫނުގައި ވަނީ ވަރަށް ސާފުކޮށް ހިމަނައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.