މަސްވެރިކަން ކުރާ ކަމަށް ދައްކައިގެން ދަތުރުކުރި އެ ބޯޓު ބަލައިފާސްކުރިއިރު، 58 ކިލޯގެ ކޮކެއިން އާއި 43 ކިލޯގެ ހެރޮއިންގެ އިތުރުން 134 ގްރާމްގެ މެތަމްފެޓަމައިން އައިސް ވަނީ ފެނިފަ އެވެ.

ރާއްޖޭގެ އިރުއުތުރުން 101 ކިލޯގެ މަސްތުވާތަކެއްޗާއެކު ދަތުރުކުރަމުން ދިޔަ މަސް ބޯޓެއް، ސްރީ ލަންކާގެ ސިފައިން އަތުލައިގެންފި އެވެ.
ލަންކާގެ ނޭވީ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދަތުރުކުރަމުން ދިޔަ އެ ބޯޓުގައި ފަސް މީހުން ތިބި ކަމަށެވެ.
މަސްވެރިކަން ކުރާ ކަމަށް ދައްކައިގެން ދަތުރުކުރި އެ ބޯޓު ބަލައިފާސްކުރިއިރު، 58 ކިލޯގެ ކޮކެއިން އާއި 43 ކިލޯގެ ހެރޮއިންގެ އިތުރުން 134 ގްރާމްގެ މެތަމްފެޓަމައިން އައިސް ވަނީ ފެނިފަ އެވެ. އެތަކެތި ބަންދުކޮށްފައި ހުރީ ބަސްތާތަކެއްގައި ކަމަށް ލަންކާ ސިފައިން ވަނީ ބުނެފަ އެވެ.
އެ ބޯޓުން ފެނުނު މަސްތުވާތަކެތި ފާސްކޮށްފައި ވަނީ، ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު، މޭޖާ ޖެނެރަލް އަރުނާ ޖަޔަސޭކަރަ އާއި ކޮމާންޑާ އޮފް ދަ ނޭވީ އެޑްމިރަލް ޑޭމިއަން ފެނާންޑޯ ފަދަ އިސް ގިނަ ބޭފުޅުންގެ ހާޒިރުގަ އެވެ.
ލަންކާ ސިފައިން އަންދާޒާކޮށްފައިވާ ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 1.5 ބިލިއަން ސްރީލަންކަން ރުޕީސް އަށް އަރާނެ އެވެ. އެއީ ގާތްގަނޑަކަށް 69 މިލިއަން ރުފިޔާ އެވެ.
ރާއްޖޭގެ އިރުއުތުރުން ދަތުރުކުރި އެ ބޯޓާއި އޭގައި ތިބި މީހުން މިހާރު ވަނީ ލަންކާ ފުލުހުންގެ ނާކޮޓިކްސް ބިއުރޯއާ ހަވާލުކޮށްފަ އެވެ.