ދަރަންޏާއި ތެލުގެ ހަރަދުމަތިވެ، ގްރީން ފައިނޭންސިންއަށް ބަޖެޓުގައި އޮތް ޖާގަ ހަނިވެއްޖެ

ހަނގުރާމައިގެ ސަބަބުން ތެލަށް ކުރާ ޚަރަދު މިދިޔަ އަހަރުގެ 15-10 % އަށް އުފުލި، ސަބްސިޑީއަށް ބަޖެޓުކުރި މިންވަރު ތިން ގުނައަށް އިތުރުވެފައިވާއިރު، ދައުލަތުގެ މާލީ ޖާގަ އޮތީ ވަރަށް ބޮޑަށް ތާށިވެފައިކަން އޭނާ ފާހަގަކުރެއްވި އެވެ.

ޔޫއެންޑީޕީ މޯލްޑިވްސްގެ އިކޮނޮމިސްޓް ޝުހާދު އިބްރާހީމް ޕްރެޒެންޓޭޝަން ދެއްވަނީ -- ޕެންޝަން

ދައުލަތުގެ ދަރަނި ޖީޑީޕީގެ މަތިވެ، ތެލުގެ އިމްޕޯޓަށް ކުރާ ހަރަދު މަތިވުމުން ތިމާވެށީގެ މަޝްރޫޢުތަކަށް ސަރުކާރުގެ ބަޖެޓުން އެކަނި ޚަރަދުކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް ޔޫއެންޑީޕީ މޯލްޑިވްސްގެ އިކޮނޮމިސްޓް ޝުހާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ. 

ޕެންޝަން އޮފީހުން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަ ދައްކަވަމުން ޝުހާދު ވިދާޅުވީ ދައުލަތުގެ ދަރަނި ޖީޑީޕީގެ 125 އިންސައްތައާ ގާތްކޮށް، ތެޔޮ އިމްޕޯޓްކުރުމަށް ޖީޑީޕީގެ ގާތްގަނޑަކަށް 15 އިންސައްތަ ޚަރަދުކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، ތިމާވެށީގެ މަޝްރޫޢުތަކަށް ސަރުކާރުގެ ބަޖެޓުން އެކަނި ޚަރަދުކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ވަނީ ހަނިވެފަ އެވެ. 

"ދަ ސްޓްރަކްޗަރަލް ކޭސް ފޯ ގްރީން ފައިނޭންސް" މި މައުސޫޢަށް ވާހަކަދައްކަވަމުން ޝުހާދު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދުގެ %20 އަށްވުރެ ބޮޑު ބައެއް ބިނާވެފައިވަނީ ސީދާ ގުދުރަތީ ވެށްޓާއި ފަރުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ. އެހެންނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލަށް ކުރާ ޚަރަދު މިދިޔަ އަހަރުގެ 15-10 % އަށް އުފުލި، ސަބްސިޑީއަށް ބަޖެޓުކުރި މިންވަރު ތިން ގުނައަށް އިތުރުވެފައިވާއިރު، ދައުލަތުގެ މާލީ ޖާގަ އޮތީ ވަރަށް ބޮޑަށް ތާށިވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އަމިއްލަ ވިޔަފާރިތަކަށް އޮތް މާލީ ގޮންޖެހުންތައް

ދައުލަތުގެ ބަޖެޓުން ހުރިހާ ކަމަކަށް ހަރަދުނުކުރެވޭނެތީ އަމިއްލަ ވިޔަފާރިތަކާއި ފަރުދުން ތިމާވެއްޓާ ރައްޓެހި މަސްރޫޢުތަކަށް އިންވެސްޓްކުރުން އިތުރުކުރަން ޖެހޭ ކަމަށް ޝުހާދު ވިދާޅުވިއެވެ. ނަމަވެސް، އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ލޯނު ނެގުމުގެ ޚަރަދު ބޮޑުވުމާއި، ރަހުނު ނުވަތަ ކޮލެޓަރަލްގެ ގޮތުގައި ބަހައްޓަންޖެހޭ ޝަރުތުތައް ހަރުކަށިވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނުފުދި އޮތް ޑިމާންޑް - ވޯލްޑް ބޭންކުގެ ދިރާސާއަކާ ހަވާލާދެއްވައި ޝުހާދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ބޭނުންވާ 11 ބިލިއަން ރުފިޔާއަށްވުރެ ބޮޑު މާލީ ޑިމާންޑެއް އަދިވެސް އޮތީ ފުރިހަމަނުވެއެވެ.

ސޯލާ ހަކަތައިގެ ފައިދާ - ޔޫއެންޑީޕީން ގެސްޓްހައުސްތަކަށް އަމާޒުކޮށް ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ސޯލާ ހަކަތަ ބޭނުންކުރާ ވިޔަފާރިތަކަށް އެ އިންވެސްޓްމަންޓްގެ ޚަރަދު 4-3 އަހަރާ ދެމެދުގެ މުއްދަތެއްގައި އަނބުރާ ހޯދެ އެވެ. އެހެންނަމަވެސް، މާލީ އިދާރާތަކުން މިފަދަ ކަންކަމަށް ލޯނު ދޫކުރާ މިންވަރު އަދިވެސް ވަރަށް ދަށެވެ.

ގްރީން ޓެކްސޮނޮމީއާއި ޕްރައިވެޓް ކެޕިޓަލްގެ ދައުރު

ރާއްޖޭގައި "ގްރީން ފައިނޭންސް" ގެ ގޮތުގައި ބަލާނެ މިންގަނޑުތަކެއް ނުވަތަ ގްރީން ޓެކްސޮނޮމީއެއް ނެތުމުގެ ސަބަބުން، މާލީ އިދާރާތަކުން މި ދާއިރާއަށް ދޫކުރާ ފައިސާގެ ހަގީގީ މިންވަރު ދެނެގަތުމަށް ދަތިވެފައިވާ ކަމަށް ޝުހާދު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން، ރާއްޖޭގެ މާލީ އިދާރާއަކުން އެތަނުގެ ގްރީން ފައިނޭންސް ޕޯޓްފޯލިއޯއަކީ އެންމެ %1 ކަމަށް ބުނި ނަމަވެސް، ތަފްސީލީކޮށް ބެލިއިރު އެތަނުގެ ޕޯޓްފޯލިއޯގެ 10-9 % ދެމެދުގެ އަދަދަކީ ގްރީން ފައިނޭންސްގެ ގޮތުގައި ގިންތިކުރެވޭނެ މަޝްރޫޢުތައްކަން އެނގިގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމަކަށް ބަދަލުވުމާއެކު ބޭރުގެ ހިލޭ އެހީ ލިބޭ މިންވަރު ދަށްވަމުންދާތީ، ކުރިއަށް އޮތް ތަނުގައި އަމިއްލަ ކެޕިޓަލް (ޕްރައިވެޓް ކެޕިޓަލް) ބޭނުންކޮށްގެން ހިރާސް ބަހާލެވޭނެ ފަދަ މާލީ އުފެއްދުންތައް ތަޢާރަފުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޝުހާދު ވިދާޅުވި އެވެ. މިގޮތުން އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީތެރިކަމާއެކު ޔޫއެންޑީޕީން ހިންގާ "ޖޮއިންޓް ފައިނޭންސިންގ ފެސިލިޓީ" އާއި ޔޫއެންސީޑީއެފްއާ ގުޅިގެން ގެސްޓްހައުސްތަކަށް ތަޢާރަފުކުރާ ގެރެންޓީ ސްކީމްގެ އިތުރުން، ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިސާ ހޯދުމަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.