ޔޫއެންޑީޕީގެ ތަޖުރިބާކާރު ވަނީ ރާއްޖެފަދަ ގައުމުތަކަށް ފައިނޭންސް ހޯދަން ހުރި ދަތިތަކުގެމައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

ދުނިޔޭގެ މާލީ ނިޒާމުން މިހާރު ފެންނަ ބަދަލާއެކު، ބޭރުން ރާއްޖެއަށް ލިބޭ ފަންޑިންތައް ސީދާ އަމިއްލަ ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި ބޭންކުތަކާއި މާލީ އިދާރާތަކުގެ ގާބިލުކަން އިތުރުކޮށް އެ އިދާރާތައް މެދުވެރިކޮށް ލޯނު ދޫކުރުން މުހިންމު ކަމަށް ޔޫއެންޑީޕީން ބުނެފި އެވެ.
ދުސިތު ޑީޑޫ ރިސޯޓްގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޔޫއެންޑީޕީގެ އޭޝިއާ އެންޑް ދަ ޕެސިފިކް ސަރަހައްދުގެ އެސްޑީޖީ ފައިނޭންސްގެ ރީޖަނަލް ލީޑް ޗާލްސް ޔޫ ދެއްވި ޕްރެޒެންޓޭޝަނުގައި ވިދާޅުވީ މިހާރު ދުނިޔެ އޮތް ގޮތުން ބޭރުގެ ފަންޑުތައް ސީދާ އަމިއްލަ ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި، ރާއްޖޭގެ ބޭންކުތަކާއި މާލީ އިދާރާތަކުގެ ގާބިލުކަން އިތުރުކޮށް އެ އިދާރާތައް މެދުވެރިކޮށް ލޯނު ދޫކުރުމުގެ މުހިންމު ކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ ދުނިޔޭގެ ތަރައްގީގެ މާލީ ނިޒާމަށް އަންނަމުންދާ ބޮޑު ތިން ބަދަލެއް އަންނަ ނަމުންދާ ކަމަށާ މިކަމުން ރާއްޖެފަދަ ކުދި ގައުމުތަކަށް ކުރާ އަސަރުތަކުގެ މައްޗަށް ވިސްނަން އެދިވަޑައިގެންފަ އެވެ.
ދުނިޔޭގެ ހާލަތު މިހެން ހުރުމާއެކު ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެށީގެ ނާޒުކުކަމުން އަރައިގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް އައު މާލީ ވަސީލަތްތަކާއި އީޖާދީ ވިސްނުންތައް ބޭނުންކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާލަތުގައި ރާއްޖޭގެ މާލީ ބާޒާރު ފުޅާކޮށް، އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް ބައިނަލްއަގުވާމީ ތަޖުރިބާގެ އަލީގައި ތަފާތު މާލީ މޮޑެލް ތަކެއް ޗާލްސް ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި "ސަސްޓެއިނަބިލިޓީ ލިންކްޑް ބޮންޑް" ފަދަ ވަސީލަތްތަކާއި އާންމު ވިޔަފާރި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމަށް "ބްލެންޑެޑް ފައިނޭންސް" (ދައުލަތާއި ހިލޭ އެހީ އަދި އަމިއްލަ ފަރާތްތަކުގެ ފައިސާ އެއްކޮށްގެން އިންވެސްޓްކުރުން) ބޭނުންކުރުން ހިމެނެ އެވެ.
ޕްރެޒެންޓޭޝަންގައި ރާއްޖޭގައި އަމަލީ ގޮތުން ތަންފީޒު ކުރެވިދާނެ މުހިންމު ފުރުސަތުތަކެއްގެ ގޮތުގައި ޗާލްސް ފާހަގަކުރެއްވި އެވެ.
ސޯލާ އެޒް އަ ސާވިސް - ވަކިވަކި ގޭބިސީތަކަށް ލޯނު ދިނުމުގެ ބަދަލުގައި، މުޅި ރަށުގެ ގިނަ ގޭބިސީތަކެއް އެއްކޮށްލައިގެން އަމިއްލަ ކުންފުނިތަކުން ސޯލާ ހަކަތަ ފޯރުކޮށްދީ، އޭގެ ކަރަންޓު ބިލުން ލިބޭ އާމްދަނީ ރަހުނުގެ ގޮތުގައި ބޭނުންކޮށްގެން ބޭންކުތަކުން ލޯނު ނެގޭނެ އިންތިޒާމު ހަމަޖެއްސުން
ފަރުތަކާއި ތިމާވެށި ހިމާޔަތްކުރާ ވިޔަފާރިތަކަށް ފައިސާ ހޯދުން - ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ގެއްލުން ނުވާ ގޮތަށް ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއް ޕޯޓްފޯލިއޯއެއްގެ ދަށަށް ގެނެސް، ތިމާވެށީގެ އިންޝުއަރެންސް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ބޭންކުތަކަށް އިތުބާރު ހުރި ގޮތަކަށް ލޯނު ދޫކުރުން
އަތޮޅުތަކުގެ ތިމާވެށި ހިމާޔަތްކުރުމުގައި ރިސޯޓުތަކުގެ ބައިވެރިވުން - ސަރުކާރުގެ ބަޖެޓުން ކުރާ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، އެއް ސަރަހައްދެއްގައި ހުންނަ ރިސޯޓުތައް ގުޅިގެން ރާއްޖޭގެ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ތިމާވެށި އާލާކުރުމުގެ ޚިދުމަތްތައް ހޯދުން. މީގެ ސަބަބުން ޚަރަދު ކުޑަވެ، ދިވެހިންނަށް ވަޒީފާ އާއި ހުނަރު ލިބިގެންދާނެ
ކޯޕަރޭޓް ވެލްބީއިންގް އަދި ރިމޯޓް ވޯކް ހަބްތައް - ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުންނަށް އަހަރީ އިނާޔަތެއްގެ ގޮތުގައި ރާއްޖޭގެ ރަށްރަށުގައި ހަފްތާ ބަންދު ހޭދަކުރުމާއެކު މަސައްކަތް ކުރެވޭނެ "އައިލެންޑް ވޯކްސްޕޭސް" ތައް ތަރައްގީކޮށް، ކުރިއާލާ ކުންފުނިތަކާއެކު ވެވޭ އެއްބަސްވުންތަކުގެ ދަށުން ލިބޭ އާމްދަނީން އިންވެސްޓްމަންޓްތައް ފުޅާކުރުން