ތެޔޮ އެތެރެ ކުރުމުގެ ހޭދަ 907 މިލިއަން ޑޮލަރަށް، ފިޔަވަޅު އަޅަން ޖެހޭ

ސާއިދު ވިދާޅުވީ މިހާތަނަށް މި މުއްދަތުގައި ތެޔޮ އެތެރެ ކުރުމުގެ ހަރަދު އެންމެ މަތިީވީ 2022 ގަ އެވެ. އަހަރު ހުރީ 830 މިލިއަން ޑޮލަރުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސާއިދު މުސްތަފާ -- ފެންޝަން އޮފީސް

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާތީ، ރާއްޖެއަށް ތެޔޮ އެތެރެ ކުރުމުގެ ހަރަދު މިދިޔަ ނުވަ މަސް ތެރޭ 907 މިލިއަން ޑޮލަރަށްވުރެ މައްޗަށް އުފުލިފައިވާ ކަމަށް އުފުލިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސާއިދު މުސްތަފާ ވިދާޅުވެއްޖެ އެވެ. 

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ދުސިތް ޑީޓޫގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ދެއްވި ޕްރެޒެންޓޭޝަންގައި ސާއިދު ވިދާޅުވީ ރާއްޖޭގެ ތެލުގެ އިމްޕޯޓް ޚަރަދު މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 907 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައި، ތާރީޚުގައިވެސް އަހަރެއްގެ މައްޗަށް ތެލަށް އެންމެ ބޮޑު ހޭދައެއް ކުރި އަހަރަށް މިއަހަރު ވެފައިވާ ކަމަށް ވެފައިވާ ކަމަށާ މިއީ ފުންކޮށް ވިސްނާ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމެއް ކަމަށެވެ. 

"ދެމެހެއްޓެނިވި ދައުލަތުގެ މާލިއްޔަތާއި އިންވެސްޓްމަންޓްތައް ހަރުދަނާކުރުމަށް ހެކި ބޭނުންކުރުން" މި މައުސޫއަށް ޕްރެޒެންޓޭޝަންގައި ސާއިދު ވިދާޅުވި ގޮތުގައި މީގެ ކުރިން ތެލުގެ އިމްޕޯޓް އެންމެ މައްޗަށް ދިޔަ 2022 ވަނަ އަހަރުވެސް ހޭދަވީ 830 މިލިއަން ޑޮލަރު ކަމަށާއި މިހާރުގެ މަތިވުމަކީ ރާއްޖޭގެ ތާރީހުގައިވެސް ތެލަށް މިހާ ކުރު މުއްދަތެއްގައި އެންމެ ބޮޑު ހޭދައެއް ކުރަން ޖެހުނު ފަހަރު ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސާއިދު މުސްތަފާ ޕްރެޒެންޓޭޝަން ދެއްވަނީ -- ފެންޝަން އޮފީސް

މި ޕްރެޒެންޓޭޝަންގައި ސާއިދު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަމަކީ ހަމައެކަނި ދަރަނި މެނޭޖްކުރުމެއް ނޫނެވެ. އެއީ ދިގު މުއްދަތުގައި ދައުލަތުގެ ޚަރަދުތަކާއި އާމްދަނީ ހުންނާނެ ގޮތް ވަޒަންކޮށް ޑެފިސިޓް ފޫބެއްދުމެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި 18.9 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާއިރު، މިއީ އަންނަ އަހަރުގެ ޖީޑީޕީގެ %14.6 އެވެ. މިއަހަރު މި އަދަދު ހުރީ %20 ގައިކަން ސާއިދު ފާހަގަ ކުރެއްވި އެވެ. 

ބައިނަލްއަޤްވާމީ ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗް އަދި މޫޑީސް ފަދަ އިދާރާތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި އެންމެ ބޮޑު ހުރަހެއްގެ ގޮތުގައި ފާހަގަކުރަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކަމަށް ސާއިދު ވަނީ މި ޕްރެޒެންޓޭޝަންގައި ވިދާޅުވިއެވެ. 

"މިކަމުގެ ސަބަބުން ސަރުކާރާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ބޭރުގެ ބޭންކުތަކުން ލޯނު ނަގާ އަގު އުފުލިގެންދޭ،" ސާއިދު ވިދާޅުވި އެވެ. 

ސާއިދު ޕްރެޒެންޓޭޝަންގައި މުހިންމު ޕޮއިންޓްތައް

ދައުލަތުގެ ޚަރަދުތަކުގެ ބޮޑު ބައެއް އިމްޕޯޓަށް ބޭރުވެގެންދާތީ ޚަރަދު ކުޑަކުރުމަކީ މެދުރާސްތާގައި އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ސާއިދު ވިދާޅުވިއެވެ. 

ސަބްސިޑީ ޚަރަދު - މިއަހަރު ސަބްސިޑީއަށް 14 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރުވެސް 13.9 ބިލިއަން ރުފިޔާ ޚަރަދުވާނެ

ކަރަންޓާއި ތެލުގެ ސަބްސިޑީ - ކަރަންޓު ބިލަށް 1,000 ރުފިޔާ ދައްކާނަމަ، އޭގެ %90 ޚަރަދު ހަޤީޤަތުގައި އުފުލަނީ ސަރުކާރުންނެވެ. އަދި 2024 ވަނަ އަހަރުގެ ނިޔަލަށް ސަބްސިޑީގެ %17 ލިބިފައިވަނީ އެންމެ މަތީ އާމްދަނީ ލިބޭ %10 ގޭބިސީއަށް 

މާލީ ޖާގަ ހޯދުން -
ޓެކްސް ނަގާ މިންވަރު ޖީޑީޕީގެ %33 ހުރިއިރު، އާމްދަނީ އިތުރުކުރުމަށްވުރެ ބޮޑަށް ޚަރަދު ކުޑަކުރުމާއި ސަބްސިޑީ އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީތައް) އިސްލާޙުކޮށްގެން މާލީ ޖާގަ އުފެއްދުން މުހިންމު

ސާއިދު ވިދާޅުވި ގޮތުގައި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމުގައިވެސް މާލީ ގޮތުން ފައިދާހުރި ގޮތްތަކަށް ބަލަންޖެހެ އެވެ. 

"ޔުނިޓަކަށް 21 ސެންޓަށްވުރެ ބޮޑު އަގުގައި ޕަވާ ޕަރޗޭސް އެގްރީމެންޓް (ޕީޕީއޭ) ހެދުމުގެ ބަދަލުގައި، ބެޓެރި ސްޓޯރޭޖާއި ގްރިޑް އަޕްގްރޭޑްކުރުމާއެކު 12 ސެންޓަށްވުރެ ދަށް އަގެއްގައި ޚަރަދު ކުޑަކުރެވޭނެ އިންވެސްޓްމަންޓްތަކަށް އިސްކަންދޭން ޖެހޭ. ރާއްޖޭގެ ކަރަންޓު ގްރިޑް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާ ބޭނުންވޭ،" ސާއިދު ވިދާޅުވި އެވެ. 

މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށްޓަކައި އަލަށް ތަސްދީޤުކުރެވުނު "ފިސްކަލް ރެސްޕޮންސިބިލިޓީ ޤާނޫނު" ގެ ދަށުން މަޝްރޫޢުތަކުގެ ފީޒިބިލިޓީ ބެލުމާއި ޑިޒާސްޓާ އަދި ކްލައިމެޓް ބަޖެޓް ޓެގިން ތައާރަފުކޮށް ދައުލަތުގެ ޚަރަދުތައް ދެފުށް ފެންނަ ގޮތަށް މޮނިޓަރ ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަމަށް ސާއިދު ވިދާޅުވިއެވެ 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.