ކޯލިޝަން އެއްބަސްވުމުގައި ސޮއި ކުރުމުގެ ބާރު އަދާލަތު ޕާޓިގެ ރައީސަށް އަރުވަން ވެސް އެ ޕާޓީން މިރޭ ވަނީ ފާސްކޮށްފައި އެވެ.

ކުރިޔަށް އޮތް ތަނުގައި ސަރުކާރުގެ ބައިވެރިއެއް ގޮތުގައި މަސައްކަތް ކުރުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން މިރޭ ނިންމައިފި އެވެ.
އަދާލަތު ޕާޓީން އާންމު ކުރި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ގަރާރުގައި ބުނެފައި ވަނީ މި ސަރުކާރުން ދީނީ ކަންކަން ހަރުދަނާ ކުރުމާއި ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއު ކުރުމާއި ގައުމުގެ އިގްތިސާދު ރަނގަޅު ކުރުމަށް ކުރާ މަސައްކަތް ވަރުގަދަ ކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާ ކަން ފާހަގަ ކުރައްވައި ޕީއެންސީ އާއެކު މަސައްކަތް ކުރުމަށް ރައީސް މުއިއްޒު ދައުވަތު ދެއްވާފައިވާ ކަމަށެވެ.
އެކަންކަމަކީ އަދާލަތު ޕާޓީ އުފެއްދި މައިގަނޑު މަގްސަދުތަކަށް ވާއިރު ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަ ކުރުމަށް ރައީސް ދެއްވި ދައުވަތު ގަބޫލު ކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
1. ރައީސް މުއިއްޒުގެ ދައުވަތު ގަބޫލު ކޮށް ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއް ގޮތުގައި މަސައްކަތް ކުރުން.
2. އަންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ ރައީސް މުއިއްޒަށް ޕާޓީން ތާއީދު ކުރުން.
3. އަދާލަތު ޕާޓީން ކޯލިޝަންގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިންތިޒާމްތައް ކަނޑައަޅައި އެއްބަސްވުމެއް އެކުލަވާލުމާއި ކޯލިޝަން އެއްބަސްވުމުގައި ސޮއި ކުރުމުގެ ބާރު ޕާޓީގެ ރައީސަށް ހަވާލު ކުރުން.