ތަހުޒީބު މުޖުތަމައުއަކަށް އިހްތިރާމް ކުރުމުގެ ސިފަ ބޭނުންވޭ: ރައީސް

އެކަކު އަނެކަކަށް އިހްތިރާމް ކުރުމަކީ ތަހުޒީބު މުޖުތަމައުތަކުގައި އޮންނަ މުހިންމު ސިފައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިހްތިރާމް އަދާ ކުރުމުގެ ގައުމީ މަޝްރޫއު ފެއްޓެވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާޙަކަފުޅު ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ތަހުޒީބު މުޖުތަމައުއަކަށް ހެދުމަށްޓަކައި ތަރައްގީގެ މަޝްރޫއުތައް ގެނައުމުގެ އިތުރުން ރައްޔިތުންގެ ކިބައިގައި އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ ސިފަ އަށަގަންނަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިހްތިރާމް އަދާ ކުރުމުގެ ގައުމީ މަޝްރޫއު ފެއްޓެވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވި މި ޖަލްސާގައި ރައީސް ވިދާޅުވީ ނޮވެމްބަރު 17، 2023 ގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހު ދެ ބާވަތެއްގެ ތަރައްގީއެއް ގެންނަން ވައުދުވެވަޑައިގަތް ކަމަށެވެ.

އެއީ މާއްދީ ތަރައްގީ އާއި މައުނަވީ ތަރައްގީ ކަމަށާއި އަތް ލެވޭ އުމްރާނީ ތަރައްގީ އާއި މާނަވީ ފިކުރީ އަދި އިންސާނީ ތަރައްގީ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ގައުމިއްޔަތަށް ދިރުން ގެނެސް ތަހުޒީބީ މުސްތަގުބަލެއް ބިނާ ކުރުމަށް އެންމެ މުހިންމު އެއް މަސައްކަތަކީ އިހްތިރާމް އަދާ ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިހްތިރާމް އަދާ ކުރުމަކީ ދިވެހިންގެ ތެރޭގައި މީގެ ކުރިން ވަރަށް މަތީ ދަރަޖައަކަށް އޮތް ކަމެކެވެ. އަދި އެއީ ދިވެއްސަކަށްވުމުގެ އެއް ސިފަ އެވެ. 

އެގޮތުން ދިވެހިންނަކީ އިސް މީހުންނަށް ގަދަރު ކުރާ އެކަކު އަނެކަކަށް އިހްތިރާމް ކުރުމާއި ވަގުތާއި ވަޒީފާ އާއި އަވަށްޓެރިންނަށް ވެސް ވަރަށް ބޮޑަށް އިހްތިރާމް ކުރަމުން އައި ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

"ރައްޔިތުންނަށް ގޮވާލީމަ ގަޑިއަށް އާދޭ، އޮފީސްތަކުގެ މުވައްޒަފުންގެ ރެކޯޑުތައް ރީތި. 50 އަހަރު ހިދުމަތުގައި ދުވަހަކު ވެސް ގަޑިޖެހިފައި ނުވާ މީހުން އެބަތިބި." ރައީސް ވިދާޅުވި އެވެ.

އޭރު ދިވެހިންގެ ތެރޭގައި އޮތް އިހްތިރާމް ކުރުމުގެ ސަގާފަތް އަނބުރާ ގެންނަން ޖެހޭ ކަމަށާއި ރާއްޖެއަކީ ތަހުޒީމީ ސިފަތަކުން ޖަރީވެފައިވާ ގައުމަކަށް ވާނީ އެހެން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުޅުންތައް މިގޮތަށް ބެހެއްޓިއްޖެ ނަމަ މި ގައުމަކީ މާތްﷲ ލޯބިވެވޮޑިގެންވާ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ ތަހުޒީބު މުޖުތަމައުއަކަށް ވާނެ." ރައީސް ވިދާޅުވި އެވެ.
 
ރައީސް ވަނީ މަގުތަކާއި ރަށު ތެރޭގެ ދިރިއުޅުމާއި ވެއްޓާއި ގަސްގަހާއި ކޮންމެ މީހެއް އަދާ ކުރަން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ވެސް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް އެދިވަޑައިގެންފަ އެވެ. 

އެފަދަ އާދަތަކަކީ ތަރައްގީ ވެފައިވާ މުޖުތަމައުތަކުގައި ވެސް އަށަގަނެފައިވާ ސިފަތަކެއް ކަމަށް ފާހަގަ ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.