ޕެންޝަން ފަންޑު 30 ބިލިއަނަށް | ކްލައިމެޓް ފައިނޭންސީން އާ ދިމާލަށް

ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރގެ ހައިސިއްޔަތުން، މިއަހަރު ޕެންޝަން ފަންޑު 30 ބިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފައިވާކަން ސީއޯ ޔަޒްމީދު ފާހަގަކުރެއްވިއެވެ.

ޕެންޝަން ފަންޑު 30 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޕެންޝަން ފަންޑުން ކްލައިމެޓް ފައިނޭންސިންއަށް ފުރުސަތު ހޯދަން އަމާޒު ހިފައިފި އެވެ.

ޕެންޝަލް އޮފީހުން އިންތިޒާމު ކުރި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި މިއަދު ދުސިތް ޑީ2 ފޭދޫ މޯލްޑިވްސްގައި ކުރިއަށްގެންދާ 13 ވަނަ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ސީއީއޯ ވިދާޅުވީ ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި 204,549 މީހުން ބައިވެރިވެފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރގެ ހައިސިއްޔަތުން، މިއަހަރު ޕެންޝަން ފަންޑު 30 ބިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފައިވާކަން ޔަޒްމީދު ފާހަގަކުރެއްވިއެވެ.

"މިއަދު އަހަރެމެން ނިންމާ ނިންމުންތަކުން ސީދާ ކަނޑައަޅާނީ ދުރު މުސްތަޤްބަލުގައި އަހަރެމެންގެ މެމްބަރުންނާއި ޕެންޝަނަރުންގެ މާލީ ރައްކާތެރިކަން،" ޔަޒްމީދު ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން ޔަޒްމީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ރަށްތަކުގެ ގާތްގަނޑަކަށް %80 ކަނޑުގެ ލޮނުގަނޑަށްވުރެ އެއް މީޓަރަށްވުރެ ތިރި ރަށްތަކެކެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އިޤްތިސާދުގެ މުހިންމު ސިނާއަތްތައް ކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ކުދި ވިޔަފާރިތަކަށް ކުރިމަތިވާ ގެއްލުންތަކުގެ ސަބަބުން، އާމްދަނީ ދަށްވުމާއިއެކު ޕެންޝަން ކޮންޓްރިބިއުޝަން މެދުކެނޑުމުގެ އިތުރުން މާލީ ހިރާސްތައް އިތުރުވެގެންދާނެއެވެ. އެހެންކަމުން، ޕެންޝަން ފަންޑުގެ ދިގުމުއްދަތުގެ ކުރިއެރުމާއި މެންބަރުންގެ ރިޓަޔަރމަންޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމުގެ އިޤްތިސާދުގެ ވިލުންވެރިކަން ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔަޒްމީދު ވިދާޅުވި ގޮތުގައި ޕެންޝަން އޮފީހުން އެންމެ އިސްކަމެއް ދެނީ ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް، އެންމެ ފައިދާހުރި ގޮތުގައި ޕޯޓްފޯލިއޯ އެކުލަވައިލުމާއެކު ދުރުރާސްތާގެ ވިލުންވެރިކަން ކަށަވަރުކުރުމަށެވެ. އަދި އީ.އެސް.ޖީ (ތިމާވެށި، އިޖުތިމާއީ، އަދި ހިންގުން) މިންގަނޑުތަކަށް ފެތޭ މަޝްރޫއުތަކާއި، ކްލައިމެޓް ފައިނޭންސިންގއަށް މަގުފަހިވާނެ އައު ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދަންވާނީ ޕެންޝަން އޮފީހުގެ ފިޑިއުޝަރީ ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަޒްމީދު ފާހަގަކުރެއްވިއެވެ.

"ގްރީން އިންވެސްޓްމަންޓްގެ މާނައަކީ މާލީ އިންޒިބާތު ދޫކޮށްލުމެއް ނޫން،" ޔަޒްމީދު ވިދާޅުވިއެވެ. "ކޮންމެ އިންވެސްޓްމަންޓަކީވެސް ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ހިރާސްތައް ވަޒަންކުރެވިފައިވާ، އަދި މާލީ ގޮތުން ފައިދާހުރި ކަމެއްކަން ސާބިތުވާ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ބޮޑު އިސްކަމެއް ދޭނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ފައިދާ އެކުލެވިގެންވާ، ފަންޑަށް ދިގުމުއްދަތުގެ ނަފާ ލިބޭނެ ފުރުސަތުތައް ދެނެގަތުމަށް" ކަމަށްވެސް ޔަޒްމީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއިން ދެމެހެއްޓެނިވި މާލީ ދާއިރާގައި ކުރިއެރުންތަކެއް ހޯދަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ގައުމީ ފައިނޭންސިންގ ސްޓްރެޓެޖީތަކާއި، މޫސުމީ ނުރައްކާތައް ވަޒަންކުރުމާއި، ތިމާވެއްޓާ ގުޅޭ ރިޕޯޓިންގ އުސޫލުތަކާއި، ބައިނަލްއަގުވާމީ މޫސުމީ ފަންޑުތަކަށް މަގުފަހިވެފައިވާ މާހައުލެއް ގާއިމްކުރުމަށް ކުރާ މަސައްކަތްތައް ހިމެނެއެވެ. މި ކުރިއެރުންތަކުގެ ސަބަބުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކާއި، ބްލޫ އިކޮނޮމީގެ ދާއިރާއިން އިންވެސްޓްމަންޓްތައް ހޯދުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

"ޤައުމީ އިޤްތިސާދުގެ ވިލުންވެރިކަން ވަރުގަދަކުރުމަކީ އަހަރެމެންނަށް ދެވަނަ ފުރުސަތެއް އޮތް ކަމެއްނޫން. އެއީ މެމްބަރުންގެ މާލީ މުސްތަޤްބަލު ރައްކާތެރިކުރުމަށް ކޮންމެހެން ހާސިލުކުރަންޖެހޭ ޝަރުތެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، ހަމައެކަނި ސިޔާސަތުތަކުން ނުފުދޭނެ ކަމަށާއި މި ފުރުސަތުތަކުގެ ބޭނުން ހިފުމަށްޓަކައި އިންވެސްޓް ކުރެވޭ ފަދަ މަޝްރޫއުތަކާއި، އެކަށީގެންވާ މާލީ އޮނިގަނޑުތަކާއި ހަރުދަނާ ރިސްކް މެނޭޖްމަންޓް އަދި އިންވެސްޓަރުންގެ އިތުބާރު ބޭނުންވާނެ ކަމަށް ޔަޒްމީދު ވިދާޅުވިއެވެ.

ސަރުކާރާއި ރެގިއުލޭޓަރުންނާއި މާލީ އިދާރާތަކާއި އިންވެސްޓަރުން އަދި ވިޔަފާރިތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ދެމެހެއްޓެނިވި މާލީ ނިޒާމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ.

މި އަހަރުގެ ފޯރަމްގެ މައުޟޫއަކީ 'ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަން' އެވެ. 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ފޯރަމަކީ ދެމެހެއްޓެނިވި މާލީ ނިޒާމެއް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މާލީ އިދާރާތަކާއި، ރެގިއުލޭޓަރުން އަދި ތަރައްގީގެ ބައިވެރިން އެއް ފުރާޅެއްގެ ދަށުގައި މަޝްވަރާކޮށް އަމަލީ ގޮތުން ކުރެވޭނެ ކަންކަން ދެނެގަތުމަށް ބާއްވާ ބައްދަލުވުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.