މި އަހަރުގެ ފޯރަމްގެ މައުޟޫއަކީ "ގްރީން ފައިނޭންސް - ރާއްޖެ ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ކަށަވަރުކުރުން" މިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް ފަށައިފި އެވެ.
ޑުސިޓް ޑީ2 ފޭދޫގައި ފެށި މި ފޯރަމްއަކީ 2012 ވަނަ އަހަރު ފެށި މި ފޯރަމް މިއަހަރު ބާއްވަނީ 13 ވަނަ ފަހަރަށެވެ. މި އަހަރުގެ ފޯރަމްގެ މައުޟޫއަކީ "ގްރީން ފައިނޭންސް - ރާއްޖެ ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ކަށަވަރުކުރުން" މިއެވެ. ފޯރަމް ފައްޓަވައި ދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އެވެ.
މި ފޯރަމްގައި މާލީ ދާއިރާގެ މާހިރުންނާއި، ރެގިއުލޭޓަރީ އިދާރާތަކާއި ސަރުކާރުގެ މުއައްސަސާތަކާއި، ތަރައްޤީގެ ބައިވެރިންނާއި، ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެ، ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށާއި ދިގުމުއްދަތުގެ މާލީ ރައްކާތެރިކަން ދެމެހެއްޓުމުގައި ގްރީން ފައިނޭންސްގެ މުހިންމުކަމާ މެދު މަޝްވަރާ ކުރާނެ އެވެ. މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމާއި، އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދީ، މާލީ ހަމަޖެހުން ގާއިމުކުރުމުގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް އަދާކުރެވޭ ދައުރާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރެވޭނެއެވެ.
ޕެންޝަން އޮފީހަކީ ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރެވެ. ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ފަންޑު 30.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސްކީމުގައި 204,549 މީހުން ބައިވެރިވެފައިވެ އެވެ.
މި މަޝްވަރާތަކަކީ ރާއްޖޭގެ މުހިންމު އިގްތިސާދީ ދާއިރާތަކަށް މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ނުހަނު ބޭނުންތެރި މަޝްވަރާތަކެކެވެ. މިފަދަ ގޮންޖެހުންތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އިގްތިސާދެއް ބިނާކުރުމަށާއި، ދިގުމުއްދަތުގެ މާލީ ތަނަވަސްކަން ކަށަވަރުކުރުމަށްޓަކައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ މުސްތަގުބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ފޯރަމްގެ ސެޝަންތަކުގެ ތެރޭގައި ރާއްޖެއަށް ގްރީން ފައިނޭންސްގެ މުހިންމުކަމާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ގޭބިސީތަކަށާއި ކުދި ވިޔަފާރިތަކަށް އަދި ރަށްރަށަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދާނެއެވެ. އަދި ރެގިއުލޭޓަރީ އިދާރާތައް ބައިވެރިވާ ރައުންޑް ޑޭބަލް މަޝްވަރާގައި މިހާރު ތައްޔާރުކުރަމުންދާ ޤަނޫނީ އަދި އިދާރީ އޮނިގަނޑުތަކުގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރިޕޯޓްކުރުމާއި، ބެލެހެއްޓުމާއި، އޮޑިޓްކުރުން އަދި މާކެޓުގެ އިތުބާރު ކަށަވަރުކުރުމަށް ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވޭނެއެވެ. މީގެއިތުރުން، ކުދި ޖަޒީރާ ޤައުމުތަކާއި ކުރިއަރަމުން އަންނަ މާކެޓުތަކުގެ ތަޖުރިބާތަކުގެ އަލީގައި މަޢުލޫމާތު ހިއްސާކުރައްވާނެއެވެ. އަދި ފޯރަމް ނިންމާލުމަށް ހަމަޖެހިފައިވަނީ، މޫސުމީ ނުރައްކާތައް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުޞަތުތަކަކަށް ބަދަލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ބާއްވާ ޚާއްޞަ ޕެނަލް މ ޑިސްކަޝަންއަކުންނެވެ.