މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޑޮލަރުން ބަލައިގަނެފައިވަނީ 85.96 މިލިއަން ޑޮލަރެވެ. އެހެންކަމުން، މިދިޔަ މަހު ލިބުނު 96.25 މިލިއަން ޑޮލަރަކީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް %12ގެ ކުރިއެރުމެކެވެ.

މިދިޔަ އޮކްޓޫބަރު މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 96.24 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.29 މިލިއަން ޑޮލަރުގެ އިތުރުވުމެއް ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މީރާއިން އާންމުކުރި އޮކްޓޫބަރު މަހުގެ އާމްދަނީގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޑޮލަރުން ބަލައިގަނެފައިވަނީ 85.96 މިލިއަން ޑޮލަރެވެ. އެހެންކަމުން، މިދިޔަ މަހު ލިބުނު 96.25 މިލިއަން ޑޮލަރަކީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް %12ގެ ކުރިއެރުމެކެވެ.
މިދިޔަ މަހުގެ ޑޮލަރު އާމްދަނީއާއެކު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 1.30 ބިލިއަން ޑޮލަރަށް އަރާފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ 10 މަސްދުވަހު ޑޮލަރުން ލިބިފައިވަނީ 1.22 ބިލިއަން ޑޮލަރު ކަމަށްވާއިރު، މިއީ 74.94 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮކްޓޫބަރު މަހު ޑޮލަރާއި ދިވެހި ރުފިޔާއިން ލިބުނު ޖުމްލަ އާމްދަނީއަކީ 2.28 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު 2.04 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %11.8 ގެ އިތުރު އަދަދެކެ. އަދި އެ މަހަށް އަންދާޒާކުރި އަދަދަށްވުރެ %12.9 ގެ އިތުރުވުމެކެެވެ. މީރާއިން ފާހަގަކުރި ގޮތުގައި، އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %0.2 ގެ ދަށްވި ނަމަވެސް، ކުރިން ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކާއެކު އެއާޕޯޓް ޓެކުހާއި ފީތަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ކޯޕަރޭޓް އިންކަމް ޓެކުހާއި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ނުލިބި ހުރި ގިނަ އަދަދެއްގެ ފައިސާ ލިބުމަކީ ވެސް އާމްދަނީ އިތުރުވި މައިގަނޑު ސަބަބެކެވެ.