އެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު މި ސަރުކާރު ނޫން ކޮންމެ ބަޔަކު ކާމިޔާބު ކުރި ނަމަވެސް ރަސްމާލެ އީގަލްހިލްސް އަތުން އަތުލާނެ އެވެ.

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ވިދާޅުވެ، އެކަމުގައި ބައިވެރިވާ އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރުން މިރޭ މާލޭގައި އަޑުއުފުލައިފި އެވެ.
ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ "ގައުމީ ހަރަކާތުން" އާޓިފިޝަލް ބީޗުގައި ބޭއްވި މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ގާނޫނީ ވަކީލު އަލީ ހުސައިން ބައިވެރިވެވަޑައިގެން، ސަރުކާރުގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު މި ސަރުކާރު ނޫން ކޮންމެ ބަޔަކު ކާމިޔާބު ކުރި ނަމަވެސް، އެއްވެސް ބަދަލެއް ނުދީ އީގަލް ހިލްސްއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް އެ ބިން އަނބުރާ ދައުލަތަށް ނަގާނެ ކަމަށެވެ.
މި އެއްވުމުގައި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ގާނޫނުއަސާސީ އޮތްގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އެހެންވެ ރަސްމާލޭގައި ވިޔަސް އަދި އެހެން ރަށެއްގައި ވިޔަސް ބޭރު ދީންތަކުގެ މީހުން އާބާދުކޮށް، ރަށްވެހިންނަށް ބަދަލުވުމުން އެމީހުން ބަދަލުވާނީ ދައުލަތުގެ ބަޔަކަށެވެ.
ފުށިދިއްގަރުފަޅުގައި ހިއްކާފައިވާ 500 ހެކްޓަރު ބިމުގައި ޔޫއޭއީގެ އީގަލް ހިލްސްއިން ވަނީ ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫއެއް ހިންގަން ނިންމާފަ އެވެ. މި މަޝްރޫއުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެއެވެ.