ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، އެމްއައިބީ އިން ދައުވާކޮށްފައި ވަނީ ޑުޕްލެކްސް ކުންފުންޏަކަށް ދޫކޮށްފައިވާ 500،000 ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ"އަކަށް ފައިސާ ދައްކަން އެއްބަސްވި ގޮތަށް ފައިސާ ނުދައްކައިގެންނެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދާއި އިތުރު ހަތަރު މީހަކު ޒިންމާ ވާން ޖެހޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފި އެވެ.
މިއީ ޝަމްހީދު ހިމެނޭހެން ފަސް މީހަކު ގެރެންޓާގެ ގޮތުގައި ސޮއިކޮށް، އެ މީހުންގެ ޔަގީންކަމުގެ މައްޗަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުުންޏަކުން އެމްއައިބީން ނެގި ލޯނެއް ގަވާއިދުން އަނބުރާ ނުދައްކައިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، އެމްއައިބީ އިން ދައުވާކޮށްފައި ވަނީ ޑުޕްލެކްސް ކުންފުންޏަކަށް ދޫކޮށްފައިވާ 500،000 ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ"އަކަށް ފައިސާ ދައްކަން އެއްބަސްވި ގޮތަށް ފައިސާ ނުދައްކައިގެންނެވެ.
ކޯޓުގެ ހުކުމުގައި ވަނީ، އެ ފެސިލިޓީގެ ދަށުން ދައްކަން ޖެހި ނުދައްކައި ހުރި ފައިސާގެ ތެރެއިން 244,826.52 ޔޫއެސް ޑޮލަރާއި، ޗާޖަސްގެ ގޮތުގައި އަރާފައިވާ 36,647.76 ޔޫއެސް ޑޮލަރު ހިމެނޭހެން ޖުމްލަ 281,474.28 ޑޮލަރު، ބޭންކަށް ދައްކާ ހަލާސްކުރުމަށެވެ. އެގޮތުން ހަމަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރުމަށް ހުކުމްކޮށްފައިވެ އެވެ.
އަދި އެ ފައިސާއަކީ ޝަމްހީދު ހިމެނޭހެން ދައުވާލިބޭ ހުރިހާ ފަރާތްތަކުން އެންމެން އެކުގައި އަދި ވަކިވަކިން ޒިންމާވާ ގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
ޝަމްހީދުގެ މައްޗަށް ސާބިތު ދަރަންޏެއްގެ މައްސަލައިގައި ހުކުމެއް ކޮށްފައިވާއިރު، އޭނާ ވަނީ އަންނަ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފަ އެވެ.
އަދި މި ހުކުމާއެކު އޭނާގެ މަޖިލީސް ގޮނޑި ގެއްލިދާނެ ކަމުގެ ބިރުވެސް އެބައޮތެވެ.