ޔޫއޭއީއަކީ ރާއްޖެއާ އެންމެ ގުޅުން ބޮޑު އެއް ގައުމެވެ. އެ ގުޅުން އިމްޕޯޓަށް ބެލިޔަސް ވައިގެ ދަތުރުފަތުތައް ބެލިޔަސް ބޮޑެވެ. އަދި ފޮރިން އިންވެސްޓްމަންޓަށް ބެލިޔަސް މި ގުޅުން ފެނެ އެވެ.

ތެޔޮ ފެނުމުގެ ކުރީގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް މައިގަނޑު އާމްދަނީ ހޯދި އެއް ދާއިރާއަކީ ކަނޑުއޮޅިތަކުން މުތީ ނެގުމެވެ. ނަމަވެސް ޔޫއޭއީ އިން ތެޔޮ ފެނި، މާލީ ބާޒާރު ހުޅުުވުމުގެ ފުޅާ ވިސްނުމާއެކު ޔޫއޭއީ ތެދުވީ ދުނިޔޭގެ އިގްތިސޯދަށް ނުފޫޒު ފޯރުވާވަރުގެ ގަދަ ބާރެއްގެ ގޮތުގަ އެވެ. ދުނިޔޭގެ ހަަތަރު ބިތް ގުޅުވައިދޭ ހަބެއްގެ ގޮތުގަ އެވެ. ދުނިޔޭގެ ހަތަރު ބިތައް މާލީ އެހީތެރިކަންދޭ ބައިވެރިއެއްގެ ގޮތުގައި ޔޫއޭއީ ހެދުމުގެ ދުރުވިސްނުމާއެކު އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް ނުވަތަ "އަބޫދާބީ ފަންޑް" އުފަން ކުރުވީ 1971 ވަނަ އަހަރު އެވެ. އޭގެ ފަސް އަހަރުފަހުން ރާއްޖޭގެ ތާރީހުގައި ބޭރު ގައުމެއްގެ މާލީ އިދާރާއަކުން ދިން އެންމެ ބޮޑު މާލީ އެހީތެރިކަން ރާއްޖެ އަށް ޔޫއޭއީ ފަންޑުން ދިނެވެ. މި އެހީތެރިކަން ރާއްޖެއަށް ލިބުނީ އަބޫދާބީ ފަންޑު އުފެދުނުތާ ފަސް އަހަރުފަހުން 1976 ވަނަ އަހަރު އެވެ. "ސެޓެލައިޓް އާތް ސްޓޭޝަން އިންސްޓްލޭޝަން" ޕްރޮޖެކްޓަށް ދިން އެހީއާއެކު ޔޫއޭއީ އާއި ރާއްޖޭގެ ގުޅުން އާ ހަރުފަތެއްގައި ފެށުނެވެ. ދިވެހި ދައުލަތުގެ އިތުރުން އަމިއްލަ ވަކިވަކި ފަރުދުންނާއި ޔޫއޭއީ ރައްޔިތުން ގުޅިގެން ދިޔަ އެވެ.
އެ ދުވަހުން ފެށިގެން ޔޫއޭއީ ވެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް "ޓްރޭޑިން ޕާޓްނަރު" އަށެވެ. މިހާރު ރާއްޖެއަށް އާއްމު މުދަލުގެ ތަކެތި އެންމެ ގިނައިން އެތެރެކުރާ އެއް ގައުމަކީ ވެސް ޔޫއޭއީ އެވެ. ރާއްޖެއަށް ބޭނުންވާ ތެޔޮ އެންމެ އަގުހެޔޮކޮށް ދިވެހިންނަށް ވިއްކާ ގައުމަކީ ވެސް މި އެވެ. ދިވެހިންނާ އެންމެ ގުޅުންބޮޑު ވައިގެ ދަތުރުފަރުގެ ނެޓްވޯކް އޮތް ގައުމަކީ ވެސް މި އެވެ.
ރާއްޖެ އާއި ޔޫއޭއީގެ ގުޅުން ހަމައެކަނި އޮތީ އަބޫދާބީ ފަންޑާއި ވިޔަފާރީގެ ރޮނގުން އެކަންޏެއް ނޫނެވެ. ރާއްޖޭގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގައިވެސް ޔޫއޭއީއަކީ އެންމެ މުހިންމު ބައިވެރިޔާ އެވެ. މިކަމުގައި އަބޫދާބީ ފަންޑާ ހަމައިން ބަލާނަމަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ވީއައިއޭ އިންޓަނޭޝަނަލް އެއާޕޯޓަށް ދީފައިވާ އެހީތައް އެކަނިވެސް ފުދެ އެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްއަކީ ޔޫއޭއީ ފަންޑުން ހިލޭ ދިން ހަދިޔާ އެވެ. ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ މި އެއާޕޯޓާއެކު ނ. އަތޮޅުގެ ޓޫރިޒަމް އެހެން ހަރުފަތަކަށް ދަތުރުކުރި އެވެ. އެ ސަރަހައްދުގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓޫރިޒަމް ވިޔަފާރިތައް އުފެދިގެން ދިޔަ އެވެ. މީގެ އިތުރުން ކުރީގެ ހުޅުލެ އެއާޕޯޓް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހި ހިންގުމުގަވެސް ޔޫއޭއީން އެހީތެރިކަން ދީފައިވެ އެވެ. ވީއައިއޭ އަށް ބަލާނަމަ 1976 ވަނަ އަހަރުން ފެށިގެން އެކި ދުވަސްތަކުގައި ޔޫއޭއީ އިން އެހީތެރިކަން ދިޔައީ ދެމުންނެވެ. މީގެ އިތުރުން ސަރުކާރުގެ ބަޖެޓަށް މިދިޔަ ފަސް ވެރިކަމުގައ ވެސް "ބަޖެޓް ސްޕޯޓް" ގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ އެހީތެރިކަން ޔޫއޭ އިން ފޯރުކޮށް ދިނެވެ.

ޔޫއޭއީއަކީ ހަމައެކަނި ރާއްޖޭގެ އުމްރާނީ ހަރުމުދާ އުފެއްދުމުގައި އެހީތެރިކަން ދިން ބައިވެރިއެއް އެކަންޏެއް ނޫނެވެ. މީގެ އިތުރުން ޔޫއީއަކީ އެންމެ ބޮޑު އެއް ޓްރޭޑިން ޕާޓްނަރެވެ. ޔޫއޭއީއަކީ ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ (އިމްޕޯޓްކުރާ) ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ތެލުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރަނީ ވެސް އެ ގައުމުންނެވެ. ރާއްޖެ އަށް ބޭނުންވާ ތެލުގެ ބޮޑު ބައެއް އެތެރެކުރަނީ ޔޫއޭއީ މެދުވެރިކޮށެވެ. މިިދިޔަ އަހަރު ރާއްޖެ އަށް 645 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް ޔޫއޭއީ އިން އެތެރެކޮށްފައިވާއިރު މި އަހަރުގެ ނުވަ މަހަށް ބެލިނަމަވެސް މި އަދަދު 296.5 މިލިއަން ޑޮލަރަށްވުރެ އިތުރުތެވެ.
ޓޫރިޒަމް ސިނާއަތަށް ބަލާނަމަ ޔޫއޭއީއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މަގުތައް ގުޅުވައިދޭ މައި ދޮރާއްޓެވެ. ޔޫއޭއީގެ ދުބާއީ އާއި ޝާރުޖާ ފަދަ ކަނެކްޝަންތައް ޕޮއިންޓްތައް ވެގެން ގޮސްފައިވަނީ ރާއްޖޭގެ ޓޫރިޒަމަށް އޮތް އެންމެ މުހިންމު މަގަށެވެ. އަދި ޔޫއޭއީގެ އެއާލައިންތައް ކަމަށްވާ "ފްލައިދުބާއީ" އާއި "އެމިރޭޓްސް" އަދި "އިއްތިހާދު" އެއާވޭސް ފަދަ އެއާލައިން ތަކުން ހަފުތާއަކު 42 ފްލައިޓް މިވަގުތު ވެސް ބާއްވަ އެވެ. އަދި މިއީ ރާއްޖެ އަށް ކޮންމެ އަހަރަކު އެތައް ލައްކަ ޓޫރިސްޓުން ގެންނަ އެއާލައިން ތަކެވެ. މީގެ އިތުރުން ފޮރިން އިންވެސްޓްމަންޓްތަކަށް ބަލާނަމަ ޔޫއޭއީގެ ވިޔަފާރިވެރިންނަކީ ރާއްޖޭގައި މި ވަގުތު ވެސް އިންވެސްޓްކޮށްގެން ތިބި ބައެކެވެ. ވަން އެންޑް އޮންލީ އާއި ރަންދެލި ރިސޯޓްފަދަ ހައިއެންޑް ރިސޯޓްތަކަކި އެ ގައުުގެ ވިޔަފާރިވެރިންގެ އިންވެސްޓްމަންޓް ތަކެވެ.
މި ހުރިހާ ގުޅުމަކާއެކު ޔޫއޭއީވެފައިވަނީ ދިވެހި ދައުލަތުގެ ޕާޓްނަރަކަށެވެ. ދިވެހިންގެ ބައިވެރިއަކަށެވެ. މުސްލިމް ދިވެހި އުންމަތާ ގުޅުންހުރި ބައިވެރިއަކެވެ.