ނާޒުކު ގައުމުތަކުގެ އެއްވެސް ހިއްސާއެއް ނެތި ކުރިމަތިލާންޖެހޭ މޫސުމީ ކާރިސާއަކުން އަރައިގަތުމަށްޓަކައި އެ ގައުމުތައް އިތުރަށް ދަރަނިވެރިވާން ޖެހިގެން ނުވާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި

ބައިނަލްއަގުވާމީ މުޖުތަމައުން މޫސުމީ ބަދަލުތަކާ ގުޅިގެން ވެފައިވާ ވައުދުތަކަށް ފުރިހަމައަށް އިހްތިރާމްކުރުމަށާއި، ބައިނަލްއަގުވާމީ މާލީ ނިޒާމަށް އަވަސް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
އދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް31) ގެ 31 ވަނަ ސެޝަންގައި ރާއްޖޭގެ ބަޔާން އިއްވަވަމުން ރައީސް ވަނީ އެންމެން ގުޅިގެން މަސައްކަތްކުރުމަށް މުހިންމު ތިން އަސާސެއް ފާހަގަކުރައްވާފަ އެވެ.
އެއީ މާލީ އެހީތެރިކަން ކަށަވަރުކުރުމާއި، މާލީ ނިޒާމު އިސްލާހުކުރުމާއި، އަދި ނިންމުންތައް އަމަލީ ގޮތުން ތަންފީޒު ކުރުމެވެ.
މޫސުމީ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އެހީއަކީ މުޅިން އާ، ލަފާކުރަން އެނގޭ އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ އެހީތަކަކަށް ވާންޖެހޭނެ ކަމަށެވެ. މީގެއިތުރުން ގްރީން ކްލައިމެޓް ފަންޑަށް ފައިސާ އިތުރުކުރުމަށާއި، އެޑަޕްޓޭޝަން ފަންޑަށް އެކަށީގެންވާ ރައުސްމާލު ހަމަޖެއްސުމަށާއި، ގެއްލުމާއި ހަލާކުގެ ބަދަލު ދިނުމުގެ ފަންޑަށް ފުރިހަމައަށް ވަސީލަތްތައް ފޯރުކޮށްދިނުމަށް އެ މަނިކުފާނު ބާރުއެޅުއްވި އެވެ.
އަދި ނާޒުކު ގައުމުތަކުގެ އެއްވެސް ހިއްސާއެއް ނެތި ކުރިމަތިލާންޖެހޭ މޫސުމީ ކާރިސާއަކުން އަރައިގަތުމަށްޓަކައި އެ ގައުމުތައް އިތުރަށް ދަރަނިވެރިވާން ޖެހިގެން ނުވާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ހާއްސަ ނާޒުކުކަން ފުރިހަމައަށް ބަލައިގަތުމަށްޓަކައި ބައިނަލްއަގުވާމީ މާލީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރާ އުސޫލުތައް އަލުން މުރާޖައާކުރަންޖެހޭ ކަމަށާއި، ވިލުންތެރިކަމަކީ މާލީ ބުރައެއްގެ ބަދަލުގައި އެންމެންގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއިން މޫސުމީ ކަންކަމުގައި ހޯދަމުންދާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން، ގައުމުގެ އެތެރެއިންނާއި ބައިނަލްއަގުވާމީ ގޮތުން ލިބެންހުރި މަދު ވަސީލަތްތައް ހަމަހަމަކަމާއެކު ބޭނުންކޮށްގެން ކާބޯތަކެއްޗާއި، ހަކަތައާއި، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.
ހާއްސަކޮށް، ރާއްޖޭގެ ފުރަތަމަ ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީ ގްރީން ކްލައިމެޓް ފަންޑުގައި ދާދިފަހުން އެކްރެޑިޓް ކުރެވިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. މިއީ އޭޝިއާގެ ސިޑްސް ގައުމުތަކުގެ ތެރެއިން މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރު ކަމަށާއި، މިއިން ދައްކުވައިދެނީ މޫސުމީ މާލީ އެހީ ހޯދުމަށާއި އެ ފައިސާ މެނޭޖްކުރުމަށް ރާއްޖޭގެ މުއައްސަސާތައް ފުރިހަމައަށް ތައްޔާރަށް އޮތް މިންވަރު ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ބަޔާން ނިންމަވާލައްވަމުން އިންސާފާއި، ޒިންމާދާރުކަމާއި، އަދި ވައުދުތައް އަމަލީ ގޮތުން ފުއްދުމަށް ދުނިޔެއަށް ގޮވާލެއްވި އެވެ. އަދި ބައިނަލްއަގުވާމީ ޒިންމާތަކަށް އިހްތިރާމްކޮށްގެން ގިނަ ގައުމުތައް ގުޅިގެން ކުރާ މަސައްކަތްތަކުން ހަގީގީ ނަތީޖާއެއް ނެރެދެވިދާނެކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިނުމަށް ކޮޕް31 ގެ ބައިވެރިންނަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި އެވެ.