އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތް އަވަސްކުރަން ދުނިޔޭގެ އެހީއަށް ރައީސް ގޮވާލައްވައިފި

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް 2023 ގައި ކަނޑައެޅި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހަކަތަ ރައްކާކުރާ ނިޒާމުތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށެވެ.

ކޮޕް31 ގެ ލީޑަރުންގެ ސަމިޓުގެ ހަވާސާގައި ބޭއްވި 'ހައި-ލެވެލް ޑައިލޮގް އޮން ކްލީން އެނާޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަން: 35 ބައި 35: ޕަވަރިން ދަ ފިއުޗާ' ގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ސާފު ހަކަތައަށް ބަދަލުވުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. 

އެ މަނިކުފާނު މިކަމަށް ގޮވައިލެއްވީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ގެ ލީޑަރުންގެ ސަމިޓުގެ ހަވާސާގައި ބޭއްވި 'ހައި-ލެވެލް ޑައިލޮގް އޮން ކްލީން އެނާޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަން: 35 ބައި 35: ޕަވަރިން ދަ ފިއުޗާ' ގަ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަތްފޯރާފަށުގައި މާލީ އެހީތެރިކަން ލިބުމާއި، ޓެކްނޮލޮޖީގެ ފުރުސަތުތައް ފަހިވުމުގެ އިތުރުން ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް އިންވެސްޓްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ. 

އަދި ސާފު ހަކަތައަށް ބަދަލުވުމަކީ ހަމައެކަނި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް މުހިންމު ކަމެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިގްތިސާދު ހިމާޔަތްކުރުމަށްވެސް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް 2023 ގައި ކަނޑައެޅި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހަކަތަ ރައްކާކުރާ ނިޒާމުތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށެވެ. 

މީގެއިތުރުން، ރަށްތައް ވަކިވަކިން ބެހިފައި އޮތުމުން އުމްރާނީ ވަސީލަތްތައް ބެލެހެއްޓުމުގެ ހަރަދު ބޮޑުވާކަން ފާހަގަކުރައްވައި، 'މޯލްޑިވްސް އެނާޖީ ސެކްޓާ ރޯޑްމެޕް 2024–2033' ގެ ދަށުން މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން އެ މަނިކުފާނު ބަޔާންކުރެއްވި އެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ، ދުނިޔެ އިއާދަކުރަނިވި ހަކަތައިގެ އަމާޒު ކާމިޔާބުވާނީ ވެފައިވާ ވައުދުތައް އަމަލީ ނަތީޖާއަކަށް ބަދަލުކޮށްގެން ކަމަށް ވިދާޅުވެ، މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެ ފުރިހަމައަށް ތައްޔާރަށް އޮތްކަން ހާމަކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.