ލަފާގައި ރާއްޖޭގެ މެކްރޯ އިކޮނޮމިކް އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި ދައުލަތުގެ މާލީ ނިޒާމު ވަރުގަދަކުރުމާއި އާމްދަނީ އިތުރުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ އިތުރުން ޚަރަދުތައް ބެލެހެއްޓުމަށް ބާރު އަޅާފައިވެ އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭ އިން ނެރުނު ލަފާގައި މާލީ ދެމެހެއްޓެނިވިކަމާއި އިގުތިސާދީ ހަމަޖެހުމަށް ބާރުއަޅައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ދީފައިވާ ލަފާގައި ރާއްޖޭގެ މެކްރޯ އިކޮނޮމިކް އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި ދައުލަތުގެ މާލީ ނިޒާމު ވަރުގަދަކުރުމާއި އާމްދަނީ އިތުރުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ އިތުރުން ޚަރަދުތައް ބެލެހެއްޓުމުގައި ފަރުވާތެރިވުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓަކީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށްވާއިރު، މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) ގެ 7 އިންސައްތައެވެ. ސަރުކާރުގެ މެދު ރާސްތާގެ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި މާލީ އިސްލާހުތަކެއް އަންނަންޖެހޭ ކަމަށާއި އާމްދަނީ ބެލެހެއްޓުމުގެ އިދާރީ ކަންތައްތައް އިތުރަށް ހަރުދަނާކުރުމާއި ޚަރަދުތައް ކުޑަކުރުން މުހިންމުކަމުގައި އެ އޮތޯރިޓީން ފާހަގަކުރެއެވެ.
އެމްއެމްއޭގެ ލަފާގައިވާ ގޮތުން ޚަރަދުތައް ބެލެހެއްޓުމާ ގުޅޭގޮތުން އެމްއެމްއޭއިން ލަފާދީފައިވަނީ، ކަރަންޓުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކުރުމަށާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް އަވަސްކުރުމަށާއި، ސިއްހީ ދާއިރާއަށް ގެނައުމަށް ނިންމާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރުމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި މިހާރުގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް މިވަގުތަށް އެންމެ މުހިންމު މަޝްރޫއުތަކަށް އިސްކަންދިނުމަށް ވެސް ލަފާދީފައިވެއެވެ.
އިގުތިސާދު ސިންދަފާތުކުރުމާއި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމުގެ އިތުރުން އާމްދަނީ ލިބޭ އެކިއެކި ދާއިރާތައް މެނޭޖްކުރުމުގައި އިދާރީ ކަންތައްތައް ހަރުދަނާކުރުމަށް ވެސް އެމްއެމްއޭއިން ލަފާއަރުވާފައިވެއެވެ. ޖުމްލަގޮތެއްގައި، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި އިގްތިސާދަށް ދިމާވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ އިސްލާހުތަކެއް އެކުއެކީގައި ގެނައުމަކީ ދިގު ރާސްތާގެ އިގުތިސާދީ އަދި މާލީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ 59.7 ބިލިއަން ރުފިޔާއެވެ. މި ބަޖެޓްގެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ޚަރަދުތަކަށް ކަން ފާހަގަކުރެވެއެވެ. އެގޮތުން، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ދުވަސްވީ މީހުންގެ ޕެންޝަނާއި އެހީތަކާއި ސަބްސިޑީ ދިނުން ފަދަ ކަންކަމަށް 42.7 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބަޖެޓްގައިވެއެވެ.