އޮޑިޓަ ޖެނެރަލް ނިޔާޒީ ވިދާޅުވި ގޮތުގައި 30 އަހަރު ހިއްކި ބިންތަކުގެ އަގު 19 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މިދިޔަ 30 އަހަރު ތެރޭ ސަރުކާރުތަކުން 70 ބިމެއް ހިއްކާފައިވާ ކަމަށާ، ބިން ހިއްކާއިރު، އެ ބިންތަކުގައި ކޮމާޝަލް ކޮމްޕޯނެންޓެއް [ދައުލަތަށް މާލީ މަންފާ] ލިބޭނެ ބަައެއް ހިމަނަން އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ އެދިވަޑައިގެންފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން ކޮމެޓީގައި ވާހަކަ ދައްކަވަމުން ނިޔާޒީ ވިދާޅުވީ ވެރިފައިކޮށްފައިވާ ހައުސިން މިނިސްޓްރީގެ ޑާޓާތައް ދައްކާ ގޮތުން މިދިޔަ 30 އަހަރު ތެރޭ 70 ބިމެއް ވަނީ ހިއްކާފަ އެވެ. އަދި ބިންތަކުގެ ބޮޑުމިން 2500 ހެކްޓަރަށްވުރެ ބޮޑު ކަމަށާ ބިން ހިއްކަން ކުރި ހަރަދު 19 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އޮޑިޓަ ޖެނެރަލް ފާހަގަ ކުރެއްވި އެވެ.
"ގިނަ މަޝްރޫއުތައް ހިއްކައި ބިން ހިއްކާފަ އޮތަސް ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމްކޮށްފައެއް ނެތް. އެހެންވެ އުސޫލެއްގެ ގޮތުން ދިރިއުޅެން ވެސް އިންޑަސްޓްރިއަލް ބޭނުންތަކަށް ވެސް ބޭނުމެއް ނުކުރޭ. މި ބިންތައް ކޮމާޝަލް ކޮމްޕޯނެންޓެއް ލައިގެން ހިއްކަންވީ، އެހެންނޫނީ ރަންގަނޑެކޭ ރިހިގަނޑެކޭ ތަފާތެއް ނެތް،" ނިޔާޒީ ވިދާޅުވި އެވެ.
މިސާލު ނަންގަވަމުން އޮޑިޓަ ޖެނެރަލް ނިޔާޒީ ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ވެސް 1400 ބިން އުނިކޮށްފަ ކަމަށާ މީގެ މާކެޓު އަގު 15 ބިލިއަން ރުފިޔާއަށް އަރަ އެވެ.
"މި ހިސާބުތައް ބަލާއިރު މި ބިންތައައް ބޭނުން ކުރިނަމަ މިދިޔަ 20 ނޫނީ 30 އަހަރު ހިންގި މަޝްރޫއުތަކަށް ބަލާއިރު ރިކަވާ ކުރެވުނީސް. އެެހެންވެ ދައުލަތަށް މަންފާއެއް ލިބޭނެ ގޮތަށް ބިންތައް ބޭނުން ކުރުން މުހިންމު. ރަސްމާލެ މަޝްރޫއުއާ ބެހޭ ގޮތުން، އެމްއޭސީއެލްގެ ފައިނޭންޝަލް ރަނގަޅުވީމަ އަޅުގަނޑުމެން އިންނާނެ އޮޕީނިއަމްއެއް ދީފަ. ނަމަވެސް ޓްރާންސްޕޭރެންސީ ރަނގަޅު ކުރުމުގެ ގޮތުން އިންނާނެ ނޯޓްސްގައި ހިމަނާފަ، މިހާރު ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކުން ކިހާ ވަރެއް ތޯ މި ހޭދަވަނީ،" ނިޔާޒީ ވިދާޅުވި އެވެ.