ރަޝިއާއަށް ފައިސާ ފޮނުވުމުގައި ބީއެމްއެލްއިން އެއްވެސް ބަދަލެއް ނުގަނޭ

ސައީދު ވިދާޅުބީ ބީއެމްއެލް އިން ރަޝިޔާއިން ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ވަކި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައެއް ނުވެ އެވެ.

ބީއެމްއެލްގެ މައި ބްރާންޗް --ފޮޓޯ: ބީއެމްއެލް

ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ފައިސާ ބަލައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ގައުމީ ބޭންކްގެ ސްޕޯސް ޕާސަން މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލްއިން ރަޝިއާގެ ފައިސާގެ މުއާމަލާތް އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަ ތަކެކެވެ. އަދި މިކަމާ ގުޅޭގޮތުން ބޭންކުގެ ފަރާތުން މީޑިއާއަކަށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ވެސް ހިއްސާކޮށްފައެއް ވެސް ނުވާނެ އެވެ.

ސައީދު ވިދާޅުބީ ބީއެމްއެލް އިން ރަޝިޔާއިން ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ވަކި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައެއް ނުވެ އެވެ.

އޭނާ ވިދާޅުވީ އެހެން ބޭންކުތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ބީއެމްއެލްއިން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ.

"މި ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށެވެ. މީގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނެ އެވެ،" ސައީދު ވިދާޅުވި އެވެ،

ސައީދު ވިދާޅުވީ މިފަދަ ސިޔާސަތުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ. އަދި ބީއެމްއެލްއިން އެ ނިންމުންތަކަށް އަމަލުކުރަން ޖެހެއެވެ.

"މިފަދަ ހަގީގަތާ ޚިލާފު ޚަބަރުތަކުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާކަމަށް ބޭންކުން ދެކެމެވެ،" ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.