މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހަށް ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ރާއްޖޭގެ ފަރާތުން ރައީސް ގައުމީ ބަޔާން އިއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫއެންއެފްސީސީސީ ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތުރުކީވިލާތަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހަށް ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ރާއްޖޭގެ ފަރާތުން ރައީސް ގައުމީ ބަޔާން އިއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގެ ތެރެއިން މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ގައުމުތަކުގެ ވެރިންނާއެކު ރައީސްގެ ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫއެންއެފްސީސީސީގެ މެންބަރު ގައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ. މީގެއިތުރުން، އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމައީ މަސައްކަތްތަކެއް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންނާއި، އަދި މަދަނީ ޖަމިއްޔާތަކުން މި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ހިއްސާކުރާނެ އެވެ.
ކޮޕް ސަމިޓަކީ 1992 ވަނަ އަހަރު ވުޖޫދުކުރެވުނު ޔޫއެންއެފްސީސީސީ މުއާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުއާހަދާއަކީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ.