ސަރުކާރުން މިހާރު ނިންމާފަވަނީ ޕަބްލިކް ވޯކްސް ސާވިސްއާ އަދި އެމްޓީސީސީ އާ ގުޅިގެން އެތަނުގަ ވީހާވެސް އަވަހަކަށް ފެނާ ނަރުދަމާއަށް ބޭނުންވާ ނެޓްވޯކް މަސައްކަތް ފަށައިގެން ކުރިޔަށް ގެންދިއުން

ހިއްކާފައިވާ ބިންތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ދައުލަތުގެ ބަޖެޓަށް ބޮޑު ތަކުލީފެއް އޮތް ނަމަވެސް، ގުޅިފަޅުގައި ފެނާއި ނަރުދަމާގެ ނެޓްވޯކް އަވަހަށް އެޅުމަށްޓަކައި ޕަބްލިކް ވޯކްސް ސާވިސް އަދި އެމްޓީސީސީ ގުޅިގެން އެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް މިރޭ ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، ހިއްކާފައިވާ ބިންތަކުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަކީ ބިން ހިއްކަން ދިޔަ ހަރަދަށް ވުރެ ވެސް މާ ބޮޑު ހޭދައެއް ހިނގާނެ ކަމެކެވެ.
"މިސާލަކަށް ދަންނަވާ ކަމަށްވަންޏާ ގުޅިފަޅުގައި މި ދެންނެވި ހުރިހާ ހިދުމަތްތަކެއް ގާއިމްކޮށް މަގު ހެދުމަށްޓަކައި 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދާކަމަށް ބެލެވިފަވަނީ. ނަމަވެސް އެކަން ލަސްވެގެން ދާތީ ސަރުކާރުން މިހާރު ނިންމާފަވަނީ ޕަބްލިކް ވޯކްސް ސާވިސްއާ އަދި އެމްޓީސީސީ އާ ގުޅިގެން އެތަނުގަ ވީހާވެސް އަވަހަކަށް ފެނާ ނަރުދަމާއަށް ބޭނުންވާ ނެޓްވޯކް މަސައްކަތް ފަށައިގެން ކުރިޔަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިންތަކުގެ ތަފުސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ކުރި މަސައްކަތުން ހުޅުމާލެ ފޭސް ތިނެއް އަދި ގުޅީފަޅު ހިއްކައި، އެ ދެ ސަރަހައްދުން ދޫކުރި ގޯތިތައް ގާތްގަނޑަކަށް މިހާރު ހަވާލުކުރެވިފައިވާ ކަމަށެވެ.
އަދި އެ ދެ ތަނުން ގޯތި ލިބުނު ފަރާތްތަކަށް ވަށާފާރު ރޭނުމާއި އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ އެޗްޑީސީ މެދުވެރިކޮށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ގިރާވަރުފަޅުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެ ފަޅުން 100 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކުމަށްފަހު މަސައްކަތް މެދުކެނޑުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް އަލުން ފަށައިގެން ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ބާކީ އޮތް ބައި ހިއްކާ ނިންމާފަ ހިއްކާ ނިމެންވާއިރަށް ސާވޭގެ މަސައްކަތްވެސް ފަށައި އެ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން،" ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް އުންމީދު ދެއްވަމުން މުއްތަލިބު ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް މިހާރު ދަނީ ތިލަފުއްޓާ ހަމައަށް ކަމަށާއި، މިހާރުގެ އަންދާޒާއަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ވަޒީރު ހާމަކުރެއްވި އެވެ.
މީގެއިތުރުން ތިލަފުށިން ފެށިގެން ގިރާވަރުފަޅު ހުރަސްކޮށް އުތުރުތިލަފަޅު (ޔޫޓީއެފް) އާ ހަމައަށް ބްރިޖު ގުޅުވައިލުމަށްޓަކައި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) މެދުވެރިކޮށް ފީސިބިލިޓީ ސްޓަޑީ ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.
ބޭރު ގައުމުތަކުން ލޯނު ހޯދުމުގައި ދަތިތަކެއް ހުރި ނަމަވެސް، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށުމެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އެ މަޝްރޫއުގެ ޑިޒައިން މަސައްކަތް ފެށުމަށްޓަކައި ބަޔަކު ހޯދުމަށް އިއުލާނު ކުރާނަން. އެއާ އެއްކޮށް އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ އިގުތިސާދީ ހާލަތު ރަނގަޅުވެ ލޯނު ލިބެންވާއިރަށް ބޭނުންވާ ހުރިހާ ޓެކްނިކަލް މަސައްކަތެއް ކޮށްފަ ބެހެއްޓުން،" އޭނާ ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތައް ރަސްމީކޮށް ހަވާލުކުރުމާއެކު، އެ ތަންތަނުގައި ވީހާވެސް އަވަހަކަށް އާބާދުވެވޭނެ އިންތިޒާމުތައް ފަހިކޮށްދިނުން ކަމަށެވެ.