މުޅި ރަސްމާލެ ހިއްކަން ހަރަދުވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ވީހާވެސް ހަރަދު ކުޑަކޮށް މި މަސައްކަތް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، މުޅި ރަސްމާލޭގެ 1,009 ހެކްޓަރު ހިއްކުމަށް ދާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށް ވަޒީރު ވިދާޅުވި.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ - އެމްއޭސީއެލް

ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިމޭއިރު ދައުލަތުން ހަރަދުވާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށާއި، މަޝްރޫއު ފެށިއިރު ލަފާކުރި އަދަދަށްވުރެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށި ދުވަސްވަރު ޝޯ ޕްރޮޓެކްޝަނާއެކު ގާތްގަނޑަކަށް 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށް އަންދާޒާކުރެވުނު ކަމަށެވެ. 

އެ އަންދާޒާއަކީ އޭރު ކުރީ ސަރުކާރުން ހިންގަމުންދިޔަ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުތަކުގެ ހަރަދުތަކަށާއި މާކެޓް ރޭޓަށް ބަލައިގެން ހެދި ހިސާބުތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

ނަމަވެސް، ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނާއި ޑްރެޖަރު ޗާޓަރު ކޮށްގެން ވީހާވެސް ހަރަދު ކުޑަކޮށް މި މަސައްކަތް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، މުޅި ރަސްމާލޭގެ 1,009 ހެކްޓަރު ހިއްކުމަށް ދާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށް ވަޒީރު ވިދާޅުވި އެވެ. 

މީގެ ތެރެއިން، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށް ތަރައްގީކުރާ ވޯޓާ ފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓަށް ދޫކުރާ 500 ހެކްޓަރަށް ހޭދަވާނީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު ކަން މުއްތަލިބު ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު މުއްތަލިބު އަދި އީގަލް ހިލްސްގެ ފައުންޑަރު މުހައްމަދު އަލަބާރ

"...އެކި ބޭފުޅުން ސިޔާސީ ބޭނުމަށްޓަކާ 700 މިލިއަން ޑޮލަރު ހަރަދުކުރި ވާހަކައާއި، 1،000 މިލިއަން ޑޮލަރު ހަރަދުކުރި ވާހަކައަކީ އެއީ ހަމަ ރައްޔިތުންގެ ހިތުގަ ބިރުވެރިކަން އުފެއްދުމަށްޓަކައި ދައްކާ ވާހަކަތަކެއް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި އަހަރު ނިމުމުގެ ކުރިން ބިން ހިއްކުމުގެ ބޮޑުބައި ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، ޑޮލަރުގެ ތާށިކަމަށް ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މި 330 މިލިއަން ޑޮލަރުގެ ބޮޑު ބައެއް ހަމަޖައްސާފައިވަނީ ދިވެހި ރުފިޔާއިންނެވެ.

ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތަކަށް ކުރިން ހިނގާފައިވާ ހަރަދުތަކަށް ބަލާއިރު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދެވިފައިވަނީ ނިސްބަތުން ވަރަށް ހެޔޮ ރޭޓެއްގައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.