ސިޔާދަތާއި ހައްގުތައް ގާނޫނުން ކަށަވަރުކޮށްދޭތީ ރަސްމާލެ މަޝްރޫއުގައި އާންމު ވޯޓެއް ނުނަގާނެ

ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި މިއީ ދިވެހި ރައްޔިތުންނަށް އިންތިހާއަށް ފައިދާ ކުރާނެ މަޝްރޫއެއް ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު މިއަދު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ ރިއަލް އެސްޓޭޓް މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ރާއްޖޭގައި ރިއަލް އެސްޓޭޓް ދާއިރާ ތަރައްގީކޮށް ހިންގުމަށް ހާއްސަ ފުރަތަމަ ގާނޫނީ އޮނިގަނޑު ކަމަށްވާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް" ހުށަހަޅައިފަ އެވެ. 

އެ ބިލުގެ ތަފުސީލުތައް ހާމަކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި މިއީ ދިވެހި ރައްޔިތުންނަށް އިންތިހާއަށް ފައިދާ ކުރާނެ މަޝްރޫއެއް ކަމަށެވެ.

ރަސްމާލެ މަޝްރޫއާ މެދު އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށް މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ އެފަދަ ވޯޓެއް ނަގަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"މިކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިންގާނެ ކަމެއް ނޫން. މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މި ހުރީ ދިވެހި ރައްޔިތުންގެ ހައްގުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތީ ބާރު ހިމާޔަތް ކުރެވިގެންދާ ގޮތަށް ރިއާޔަތް ކުރެވިފައި މި އޮތީ ސީދާ ގާނޫނުގައި،" ރައީސް ވިދާޅުވި އެވެ. 

އަދި އަންނަން އޮތް ޖީލުތަކުގެ ހައްގުތައް ވެސް މި ބިލުގެ ދަށުން ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މަޖިލީހަށް ހުށަހެޅި ބިލުގެ އަށް ވަނަ ބާބުގައި ބޮޑެތި މާސްޓާ ޕްލޭން މަޝްރޫއުތައް ހިންގުމަށް ހާއްސަ ހަރުދަނާ މިންގަނޑުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. 

އެގޮތުން ހިމެނޭ މުހިންމު ބައިތަކަކީ:

  • އިންވެސްޓްމަންޓާއި ބިމުގެ މިންގަނޑު: މަޝްރޫއަކަށް މަދުވެގެން 200 ހެކްޓަރުގެ ބިމަކާއި 1 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމަނަންޖެހޭނެ އެވެ. އަދި މި ޒޯންތައް ކުއްޔަށް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރަށެވެ.
  • ދައުލަތަށް ލިބޭ އާމްދަނީ: މާސްޓާ ޑިވެލޮޕަރު ޒޯނުން ލިބޭ ސާފު އާމްދަނީގެ 10 އިންސައްތަ ސީދާ ދައުލަތަށް ދައްކަންޖެހޭނެ އެވެ.
  • ސަލާމަތީ ކަންކަމާއި ގާނޫނީ ހިފެހެއްޓުންތައް: މި ޒޯންތަކުގެ ސަލާމަތީ އެންމެހައި ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުންނެވެ. އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު އެއްވެސް އަމަލެއް، ހާއްސަކޮށް ޖުވާކުޅުމާއި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ގާއިމުކުރުން ފަދަ ކަންކަން ކުރުން މުޅިން މަނާވާނެ އެވެ.
  • ޕްރޮޕަޓީ މިލްކުކުރުމުގެ ހިފެހެއްޓުންތައް: ޒޯނުގައިވާ ޕްރޮޕަޓީތައް 'ސެރެންޑާ އެންޑް ރީ-ގްރާންޓް' މޮޑެލްގެ ދަށުން 99 އަހަރަށް ލީސްހޯލްޑް އުސޫލުން ވިއްކޭނެ އެވެ. ނަމަވެސް އެއްވެސް އެއް ގައުމެއްގެ ފަރާތްތަކަށް ޖުމްލަ ޕްރޮޕަޓީގެ 25 އިންސައްތައަށް ވުރެ އިތުރަށް ނުވިއްކޭނެ އެވެ.
  • ހާއްސަ މަނާކުރުންތައް: އިޒްރޭލުގެ ރައްޔިތުންނަށާއި އެ ގައުމުގެ ހިއްސާ އޮންނަ ކުންފުނިތަކަށް މި ޒޯނުން ޕްރޮޕަޓީ ގަތުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ރާއްޖެ އެތެރެވުން މަނާކޮށްފައިވާ އެއްވެސް ފަރާތަކަށް ވެސް ޕްރޮޕަޓީ ނުވިއްކޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.