އަބުރާބެހުން މަދަނީ ކުށަކަށް ހަދައި، 5 ލައްކަ ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ބިލެއް

މި ބިލުގެ މައިގަނޑު އަމާޒަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީހުންގެ އަބުރު ރައްކާތެރިކުރުމާ ދެމެދު އިންސާފުވެރި ހަމަހަމަކަމެއް ގާއިމުކޮށް، އަބުރަށް ލިބޭ އުނިކަމަށް ޝަރުއީ އަދި ޝަރީއަތުގެ ބޭރުން ހައްގު ހޯދައިދެވޭނެ އޮނިގަނޑެއް

މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ--

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަބުރު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތްކުރުމަށްޓަކައި، "ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފުރަތަމަ ކިޔުން އިއްވާފައިވާ މި ބިލުގެ މައިގަނޑު އަމާޒަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީހުންގެ އަބުރު ރައްކާތެރިކުރުމާ ދެމެދު އިންސާފުވެރި ހަމަހަމަކަމެއް ގާއިމުކޮށް، އަބުރަށް ލިބޭ އުނިކަމަށް ޝަރުއީ އަދި ޝަރީއަތުގެ ބޭރުން ހައްގު ހޯދައިދެވޭނެ ގާނޫނީ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމެވެ.

މި ބިލުގައި ކަނޑައަޅާފައިވާ ގޮތުން، އަބުރާބެހުމަކީ ޖިނާއީ ކުށެއްގެ ބަދަލުގައި މަދަނީ ކުށެކެވެ. މީހެއްގެ އަބުރަށް ގެއްލުންދޭ އަމަލެއް ހިންގައިފި ނަމަ، ގެއްލުމުގެ ބަދަލު ހޯދަން މަދަނީ ދައުވާކުރުމުގެ ފުރުސަތު އަނިޔާ ލިބުނު ފަރާތަށް ލިބިގެންވެ އެވެ. އަދި މި ގާނޫނުގެ ދާއިރާ އާންމު ފަރުދުންނާއި، ގާނޫނީ ޝަހްސުތަކުގެ އިތުރުން މީޑިއާތަކާއި، އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާ ހިމެނޭހެން ހުރިހާ ޑިޖިޓަލް ވަސީލަތްތަކަށް ހިނގާނެ އެވެ. ރާއްޖޭން ބޭރުގައި ހުރެ ކުރާ އަމަލަކުން ރާއްޖޭގައި ހުރި މީހެއްގެ އަބުރަށް ގެއްލުން ލިބުނު ކަމުގައި ވިޔަސް މި ގާނޫނު އަމަލުކުރެވޭނެ އެވެ.

ބިލުގައި ބަޔާންކުރާ ގޮތުގައި އަބުރާބެހުން ކަމަށް ބެލެވޭނީ ދެއްކި ވާހަކައަކީ ނުވަތަ ޝާއިއުކުރި މައުލޫމާތަކީ ހަގީގަތާ ހިލާފު ދޮގަކަށް ވެފައި، އޭގެ ސަބަބުން އަނެކާގެ އަބުރާއި ގަދަރަށް އުނިކަން އައުމުންނެވެ. 

އޭގެ ތެރޭގައި ވާހަކަދެއްކުމާއި، ލިޔުންތަކާއި، ކުރެހުން/ކާޓޫނު އަދި ބްރޯޑްކާސްޓްކުރުމާއި އިންޓަނެޓް ޒަރިއްޔާއިން ފަތުރާ ކަންކަން ހިމެނެ އެވެ. ނަމަވެސް، ހާމަކުރި މައުލޫމާތަކީ ސާބިތު ހަގީގަތަކަށް ވުމާއި، ހަގީގަތުގެ މައްޗަށް ބިނާކޮށް ހެޔޮ ނިޔަތުގައި ފާޅުކުރި އަމިއްލަ ހިޔާލެއް ނަމަ އަބުރާބެހުން ކަމަކަށް ނުބެލެވޭނެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ކޮމިޓީތަކުގައި ދައްކާ ވާހަކަތަކަށާއި، ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ޝަރީއަތުގެ މަޖިލިސްތަކުގައި ދެކެވޭ ވާހަކަތަކަށް ފުރިހަމަ ގާނޫނީ އިމްތިޔާޒު ލިބިދީފައިވެ އެވެ. 

އަދި އެފަދަ މަޖިލިސްތަކުގައި ހިނގާ ކަންކަން އުނިއިތުރެއް ނެތި ތެދުވެރިކަމާއެކު ރިޕޯޓުކުރުމާއި، ގާނޫނީ ބާރު ލިބިގެން ނެރޭ ތަހުގީގީ ރިޕޯޓުތައް ހާމަކުރުމަކީ ވެސް އަބުރާބެހުމުގެ ދައުވާއިން އިސްތިސްނާވާނެ ކަންކަމެވެ.

ދައުވާކުރުމާއި ބަދަލު ނަގައިދިނުމުގެ މުހިންމު ނުކުތާތައް

  • ކޯޓުން ބޭރުގެ މަރުހަލާ: ކޯޓަށް ދައުވާ ހުށަހެޅުމުގެ ކުރިން، ތުހުމަތުވާ ފަރާތަށް ލިޔުމުން ނޯޓިސް ފޮނުވަން ޖެހެ އެވެ. އަދި މައުލޫމާތު އަނބުރާ ގެނައުމާއި، އިސްލާހުކުރުމާއި، މައާފަށް އެދުމުގެ ފުރުސަތު ލިބޭއިރު، އެފަދަ އެއްބަސްވުންތައް ޕަބްލިކް ނޯޓަރީއެއް މެދުވެރިކޮށް ޝަރުއީ އެއްބަސްވުމަކަށް ހެދިދާނެ އެވެ.
  • މުއްދަތުތައް: އަބުރާބެހުމުގެ މައްސަލަތަކުގައި ދައުވާކުރަން ޖެހެނީ 1 އަހަރު ދުވަހުގެ ތެރޭގަ އެވެ. އަދި މައްސަލަ ހުށަހަޅާތާ ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި ޝަރީއަތުން ގޮތެއް ނިންމަންވާނެ އެވެ.
  • ގެއްލުމުގެ ބަދަލު: މާއްދީ ގެއްލުމުގެ އިތުރުން، މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކޯޓަށް ނަގައިދެވިދާނެ އެވެ. އަދި ތުހުމަތުވި ފަރާތުން މައާފަށް އެދިފައިވާ ނަމަ، އަދަބު ނުވަތަ ބަދަލުގެ މިންވަރު ލުއިކުރުމުގެ ބާރު ފަނޑިޔާރުންނަށް އޮންނާނެ އެވެ.

ބިލުގައިވާ ގޮތުން މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް އެކުލަވާލާނީ ބަންޑާރަނައިބުގެ އޮފީހުންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.