މި މައްސަލަ ފެންމަތިވީ ޗައިނާގެ އެލިސް ހުއާންގް ނަމަކަށް ކިޔާ އަންހެނަކު އެންވީޑިއާގެ ޓެކްނޮލޮޖީގެ މައުލޫމާތު ހޯދުމުގެ ބޭނުމުގައި ޖެންސަންއާ ގާތް ގުޅުމެއް އުފައްދަން މަސައްކަތްކުރި ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

އެމެރިކާގެ މަޝްހޫރު ޗިޕް އުފައްދާ ކުންފުނި އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާންގް، ޗައިނާގެ ޖާސޫސީ އިދާރާއަކަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ އަންހެނަކާއެކު އަމިއްލަ ގުޅުމެއް ބޭއްވިކަން ކަށަވަރުވުމާ ގުޅިގެން، އެ ކުންފުނީގެ ބޯޑުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
އަލްޖަޒީރާގައިވާ ގޮތުން އެންވީޑިއާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ތަހުގީގު ކުރިއަށް ގެންދާނީ ކުންފުނީގެ މިނިވަން ޑިރެކްޓަރުންގެ ކޮމިޓީއަކުން ބޭރުގެ ގާނޫނީ ވަކީލުންގެ އެހީތެރިކަމާއެކު ކަމަށެވެ. ކުންފުނީގެ ސިއްރެއް ނުވަތަ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ހިނގާފައިވާ ކަމަށް ގަބޫލުކުރެވޭ ސަބަބެއް ނެތް ކަމަށް ބޯޑުން ބުނި ނަމަވެސް، ލިބެން ހުރި މައުލޫމާތެއް ބަލައި ދިރާސާކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި މި ތަހުގީގު ހިނގަމުންދާއިރު ވެސް ޖެންސަން މަގާމުގައި ދެމިހުންނަވާނެ އެވެ.
މި މައްސަލަ ފެންމަތިވީ، ޗައިނާގެ އެލިސް ހުއާންގް ނަމަކަށް ކިޔާ އަންހެނަކު އެންވީޑިއާގެ ޓެކްނޮލޮޖީގެ މައުލޫމާތު ހޯދުމުގެ ބޭނުމުގައި ޖެންސަންއާ ގާތް ގުޅުމެއް އުފައްދަން މަސައްކަތްކުރި ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކުރުމާ ގުޅިގެންނެވެ. އެލިސް ވަޒީފާ އަދާކުރާ މެގާސްޕީޑް ކުންފުންޏަކީ އެންވީޑިއާއިން ގާތްގަނޑަކަށް 4.8 ބިލިއަން ޑޮލަރުގެ އިކުއިޕްމަންޓް ގަނެފައިވާ ބޮޑު ކަސްޓަމަރެކެވެ. ނަމަވެސް ޗައިނާ އިން ވަނީ މި ޖާސޫސީ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އެންވީޑިއާގެ މުވައްޒަފުންނަށް ފޮނުއްވި އީމެއިލެއްގައި ޖެންސަން ވަނީ އަނބިކަނބަލުންނަށް އޮޅުވާލައި ކައިވެނީގެ ބޭރުން އަންހެނަކާއެކު ގުޅުން ބޭއްވުނު ކަމަށް އެއްބަސްވެ، އެކަމަށް މާފަށް ވެސް އެދިފަ އެވެ. މި މައްސަލައާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ޕާޓީގެ މެންބަރުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.