މަރުގެ އަދަބު ކަނޑައެޅުމުގައި ކޯޓުން ފުރިހަމަ ކުރަން ޖެހޭ ކަންކަމާއި އަދަބު ތަންފީޒު ކުރުން ވަގުތީ ގޮތުން މަނާވާ ހާލަތްތަކާއި ދައުލަތުން އަމަލު ކުރަން ޖެހޭ އުސޫލުތައް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

ދަންޖައްސައިގެން މަރުގެ އަދަބު ދިނުމުގެ އިޖުރާއަތްތައް ތަސްފީލުކޮށް ބަޔާން ކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އެ ބިލުގެ މައިގަނޑު މަގްސަދުތަކުގައި ހިމެނެނީ މަރުގެ އަދަބު ކަނޑައެޅުމުގައި ކޯޓުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކަނޑައެޅުމާއި އެ އަދަބު ތަންފީޒު ކުރުން ވަގުތީ ގޮތުން މަނާވާ ހާލަތްތަކާއި ދައުލަތުން އަމަލު ކުރަން ޖެހޭ އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައެޅުމެވެ.
އޭގެ އިތުރުން މަރުގެ އަދަބު ކަނޑައެޅުނު ފަރާތަށް ލިބިދޭ ހައްގުތައް ބަޔާން ކުރުން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
އެ ބިލުގައި ބުނާ ގޮތުން މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ޕެނަލެއް އުފައްދަންޖެހެ އެވެ.
އެ ޕެނަލްގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕްރޮސިކިއުޓަރުންގެ ތެރެއިން ޕީޖީ އައްޔަންކުރާ ބޭފުޅަކާއި ފަތުވާ ދޭ މަޖިލީހުން ކަނޑައަޅާ ފަރާތަކާއި ކަމާގުޅޭ މުއައްސަސާތަކުގެ މަންދޫބުން ހިމެނެ އެވެ.
ބިލުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރުމަށް ފަހު ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކުރަންޖެހެ އެވެ. އަދި މައްޔިތާގެ އާއިލާގެ ފަރާތުން ހަށިގަނޑާ ހަވާލުވާން ބޭނުންނުވާ ހާލަތުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަށުކަމާކެމީގެ ކަންކަން ހަމަޖައްސަންވާނެ އެވެ.
މީގެ އިތުރުން، މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު ނުވަތަ އަޑު އެއްވެސް ސިފައެއްގައި އާންމުކޮށް ރެކޯޑު ކުރުން ނުވަތަ ބްރޯޑްކާސްޓްކުރުން މަނަލެވެ.
އަދަބު ތަންފީޒުކުރަން ފެށުމަށް ފަހު، އެއްވެސް ސަބަބަކާ ހުރެ އެ އަދަބު ފުރިހަމައަށް ތަންފީޒު ނުކުރެވިއްޖެ ނަމަ، އަދަބު ތަންފީޒުކުރުން ވަގުތުން ހުއްޓާލައި، އެކަން ޕެނަލަށް އަންގަންވާނެ ކަމަށް ބިލުގައިވެ އެވެ.