ރިއަލް އެސްޓޭޓް ބިލް | ޝަރީއަތާ ހިލާފު ކަންކަން މަނާ !

މިއީ ރާއްޖޭގައި ރިއަލް އެސްޓޭޓް ތަރައްގީ ކުރުމުގެ ދާއިރާ އަށް ހާއްސަ ކޮށްގެން އެކުލަވައިލި ފުރަތަމަ ގާނޫނެވެ.

ރަސްމާލެ ވޯޓަފްރަންޓް މަޝްރޫއުގެ ކޮންސެޕްޓް ދައްކުވައިދޭ ކުރެހުމެއް--

ރަސްމާލޭގައި ހިންގާ "މޯލްޑިވްސް ވޯޓަ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް ރިއަލް އެސްޓޭޓް ވިޔަފާރި އާ ގުޅޭ ގާނޫނެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މިއީ ރާއްޖޭގައި ރިއަލް އެސްޓޭޓް ތަރައްގީ ކުރުމުގެ ދާއިރާ އަށް ހާއްސަ ކޮށްގެން އެކުލަވައިލި ފުރަތަމަ ގާނޫނެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅި މި ބިލު ހުށަހަޅާ ސަބަބެއް ކަމުގައި ބުނެފައި ވަނީ ރިއަލް އެސްޓޭޓް ވިޔަފާރި ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމާއި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ހިންގޭނެ އުސޫލުތައް ބަޔާން ކުރުމެވެ. 

އޭގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ޑިވަލޮޕަރުން ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި އެ ފަރާތްތަކުގެ ޒިންމާތަކާއި ހައްގުތައް ބަޔާން ކުރުމާއި އެ ތަންތަން ގަންނަ ފަރާތްތަކުގެ މަސްލަހަތު ރައްކާތެރި ކުރުން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި 14 ބާބާއި 160 އަށް ވުރެ ގިނަ މާއްދާ ހިމެނޭއިރު، މައިގަނޑު ޒިންމާތައް ހަވާލު ކޮށްފައި ވަނީ މިނިސްޓްރީގެ ދަށުން ހިންގާ "ޕްރޮޕާޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އާ އެވެ.

އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޑިވެލޮޕަރުންނާއި އޭޖެންޓުން ރަޖިސްޓަރީކުރުމާއި މުދަލުގެ ދަފްތަރު ބެލެހެއްޓުމާއި އެސްކްރޯ ބޭންކުތައް ކަނޑައެޅުން ހިމެނެ އެވެ. އޮތޯރިޓީގެ ހިސާބުތައް އޮޑިޓް ކުރާނީ އޮޑިޓާ ޖެނެރަލެވެ۔  

ބިލުގެ މުހިންމު ނުކުތާތައް:

  •  މަޝްރޫއު ހިންގާ ބިމުގައި ރާއްޖޭގެ ގާނޫނުތައް ހިނގާނެ އެވެ. ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުންނެވެ.
  •  ޖުއާ ކުޅުމާއި އިސްލާމީ ޝަރީއަތާ ހިލާފު އެއްވެސް ކަމެއް ކުރުން މަނާވާނެ އެވެ. އެތަނުގެ ފަތުރުވެރިކަމުގެ ތަންތަނުގައި ވެސް ބަނގުރަލާއި އޫރުމަސް މަނާވާނެ އެވެ.
  •  އިމިގްރޭޝަން ގާނޫނުން ރާއްޖެ އެތެރެވުމާއި ރާއްޖޭގައި ހުރުން މަނާ ފަރާތްތަކާއި އިޒްރޭލުގެ ރައްޔިތުންނާއި އެ ގައުމުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޕްރޮޕަޓީއެއް ނުގަނެވޭނެ އެވެ.
  •  ޒޯނެއްގެ 25 ޕަސެންޓަށް ވުރެ ގިނައިން އެއް ގައުމެއްގެ ބަޔަކަށް ނުގަނެވޭނެ އެވެ.
  •  ގަންނަ ފަރާތްތަކުން ހަގީގީ މިލްކުވެރިން ހާމަ ކުރަން ޖެހޭ އިރު ދޮގު މައުލޫމާތު ދީފި ނަމަ މުދާ ދައުލަތަށް ނެގޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.