އެމްއެމްއޭގެ މައުލޫމާތުތައް ދައްކާ ގޮތުން ބޭރު ފައިސާގެ މާލީ އެސެޓް ވަނީ 11 ބިލިއަން ރުފިޔާއިން 11.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ބޭންކްތަކުގައި ހުރި ބޭރު ފައިސާގެ އެސެޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައުލޫމާތުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ މައުލޫމާތުތައް ދައްކާ ގޮތުން ބޭރު ފައިސާގެ މާލީ އެސެޓް ވަނީ 11 ބިލިއަން ރުފިޔާއިން 11.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބޭންކުތަކުގައި ހުރި ނަގުދު ފައިސާއާއި ބެލެންސް އެވެ. އެއީ 7.3 ބިލިއަން ރުފިޔާ އެވެ. އަދި ސެކިއުރިޓީޒްގައިކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ އަދަދު 2.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
މީގެ އިތުރުން ދިވެހި ރުފިޔާގެ އެސެޓް: ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓްގެ ގޮތުގައި 17.6 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވާއިރު، މީގެ ތެރެއިން 16.2 ބިލިއަން ރުފިޔާއަކީ ސަރުކާރުގެ ޓްރެޝަރީ ބޮންޑުގައި ކޮށްފައިވާ އިންވެސްޓްމަންޓް ތަކެވެ. މި ބަދަލާއެކު އޮކްޓޯބަރު މަހުގެ ނިޔަލަށް ޖުމްލަ އެސެޓްގެ ގޮތުގައި 30,3 ބިލިއަން ރުފިޔާ ހުރިއިރު، މިއީ ސެޕްޓެމްބަރު މަހު ހުރި 30,1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މި ހިސާބުތައް ދައްކާ ގޮތުން އެމްއެމްއޭގެ ޖުމްލަ ލައިބިލިޓީސް ވަނީ 28.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ބޭރު ފައިސާގެ ލައިބިލިޓީސްގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ ހުރިއިރު، ފާހަގަކޮށްލެވޭ ގޮތުގައި އޭޝިއަން ކްލިއަރިން ޔޫނިއަން (އޭސީޔޫ) އަށް ދައްކަންޖެހޭ ފައިސާ ވަނީ 465 މިލިއަން ރުފިޔާއިން 1.08 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. އަދި ދިވެހި ރުފިޔާގެ ލައިބިލިޓީސް 18.8 ބިލިއަން ރުފިޔާގައި ހުރިއިރު، ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުގެ ޑިޕޮސިޓް ބެލެންސް ވަނީ 2.2 ބިލިއަން ރުފިޔާއިން 1.17 ބިލިއަން ރުފިޔާ އަށް ވަރަށް ބޮޑަށް ދަށްވެފަ އެވެ.
މި މައުލޫމާތުތަކުން އެނގޭ ގޮތުގައި ކަރަންސީ އިން ސާކިއުލޭޝަން އަދި އިކުއިޓީ ނުވަތަ ދައުރުވަމުންދާ ފައިސާ ނުވަތަ ކަރަންސީ އިން ސާކިއުލޭޝަންގެ ގޮތުގައި 5.39 ބިލިއަން ރުފިޔާ ހުރިއިރު، އެމްއެމްއޭގެ ޖުމްލަ އިކުއިޓީ ވަނީ 1.94 ބިލިއަން ރުފިޔާއިން 1.98 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.