ސްރީލަންކާގެ ނޫސްތަކުގައިވާ ގޮތުން މިއީ 517،000 އަކަ ކިލޯމީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) މޮނިޓަރކޮށް ބެލެހެއްޓުމަށް އެޤައުމުގެ އެއާ ފޯސްއަށް ލިބޭނެ ކުރިއެރުމެކެވެ.

ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި ކާރިސާތަކުގައި އެހީތެރިވުމުގެ ޤާބިލުކަން އިތުރުކުރުމަށް، 4.26 ބިލިއަން ސްރީލަންކާ ރުޕީސް (ގާތްގަނޑަކަށް 12.8 މިލިއަން އެމެރިކާ ޑޮލަރު) ގެ އަގަށް އިސްރާއީލުގެ ދިފާޢީ ކުންފުންޏެއް ކަމަށްވާ 'ބްލޫބާޑް އޭރޯ ސިސްޓަމްސް' އިން 4 އަންމޭންޑް އެއާކްރާފްޓް (ޑްރޯން) ގަތުމަށް ސްރީލަންކާއިން ނިންމައިފި އެވެ.
ސްރީލަންކާގެ ނޫސްތަކުގައިވާ ގޮތުން މިއީ 517،000 އަކަ ކިލޯމީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) މޮނިޓަރކޮށް ބެލެހެއްޓުމަށް އެޤައުމުގެ އެއާ ފޯސްއަށް ލިބޭނެ ކުރިއެރުމެކެވެ.
މި ޑްރޯންތަކުގެ އެހީގައި ޤަވާޢިދާ ޚިލާފަށް އުޅޭ ޝައްކުކުރެވޭ އުޅަނދުތައް މޮނިޓަރކުރުމާއި، ގެއްލޭ މަސްވެރިން ހޯދުމުގެ އިތުރުން ފެންބޮޑުވުމާއި ތޫފާން ފަދަ ޤުދުރަތީ ކާރިސާތަކުގައިވެސް ޙަރަކާތްތެރިވާނެއެވެ.
ސަރުކާރުން ސަރުކާރަށް ހަދާ މި އެއްބަސްވުމުގެ ދަށުން ގެންނަ ފްލީޓުގައި 14 ގަޑިއިރު އުދުހުމުގެ ޤާބިލުކަން ލިބިފައިވާ 2 "ތަންޑަބީ" ޑްރޯންއާއި، 20 ގަޑިއިރު ވަންދެން އުދުހެވޭ އިތުރު 2 ޑްރޯން ހިމެނެއެވެ. އަދި މީގެ އިތުރުން 3 އަހަރު ދުވަހުގެ މެއިންޓެނެންސް ސަޕޯޓާއި އޮޕަރޭޝަނަލް ތަމްރީނުވެސް މި އެއްބަސްވުމުގެ ތެރެއިން ސްރީލަންކާއަށް ލިބޭނެއެވެ.
ސްރީލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރ އަރުނަ ޖަޔަސޭކަރަ ޤާނޫނުހަދާ މަޖިލީހުގައި ވިދާޅުވީ، އާންމުކޮށް ބޭނުންކުރާ ބޯޓުފަހަރު (ކޮންވެންޝަނަލް އެއަރކްރާފްޓް) ބޭނުންކޮށްގެން ކަނޑުގެ ބޮޑު ސަރަޙައްދެއް މެދުނުކެނޑި މޮނިޓަރ ކުރުމަކީ ވަރަށް ޚަރަދުބޮޑު ކަމެއް ކަމަށާއި، އަންމޭންޑް ސިސްޓަމްތައް ހޯދުމަށް ހުށަހެޅީ އެހެންވެގެން ކަމަށެވެ.
މި ޕްރޮކިއުމަންޓަށް ދައުލަތުން އިތުރު ބަޖެޓެއް ބޭނުންނުވާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. ސަބަބަކީ މި ޚަރަދު ހަމަޖައްސަން ނިންމާފައިވަނީ ހެލިކޮޕްޓަރުތައް މެއިންޓެއިން ކުރުމަށް ކުރިން ކަނޑައަޅާފައިވާ ފައިސާއިން ކަމަށް ވާތީއެވެ.