ރާއްޖެއަކީ ކަރަންޓު އުފެއްދުމަށް 100 ޕަސެންޓް ތެލަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރާ އެއް ސަބްސިޑީއަކީ ތެލުގެ ސަބްސިޑީ އެވެ.

ތެލުގެ އަގު މަތިވުމާއެކު ސަބްސިޑީ އަށް ބަޖެޓުން ކުރަމުންދާ ހަރަދު 4.3 ބިލިއަން ރުފިޔާއަށް އުފުލިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ އެންމެފަހުގެ ފިސްކަލް ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ސަބްސިޑީއަށް 4.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީގެ ހަރަދު ހުރީ 2,7 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ މިއީ ދެ ބިލިއަނެއްހާ ރުފިޔާގެ އިތުރުވުމެކެވެ.
ރާއްޖޭގައި މައިގަނޑު ގޮތެއްގައި މިހާތަނަށް އަމަލުކުރަމުން އައީ "ބްލޭންކެޓް ސަބްސިޑީ" ނިޒާމަކަށެވެ. މީގެ މާނައަކީ، މުއްސަންޖެއް، ފަގީރެއް، ނުވަތަ ބިދޭސީއެއް ތަފާތުކުރުމެއް ނެތި، އަސާސީ ޚިދުމަތްތަކާއި މުދަލުން ހުރިހާ އެންމެންނަށް އެއްވަރަކަށް ސަބްސިޑީ ލިބުމެވެ.
ރާއްޖެއަކީ ކަރަންޓު އުފެއްދުމަށް 100 ޕަސެންޓް ތެލަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރާ އެއް ސަބްސިޑީއަކީ ތެލުގެ ސަބްސިޑީ އެވެ. މި ސަބްސިޑީ ދެނީ މައިގަނޑު ތިން ގޮތަކަށެވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރައްޔިތުން އަތުން ނަގާ ކަރަންޓު ބިލުގެ ރޭޓް ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި، ކަރަންޓު ކުންފުނިތަކަށް ތެޔޮ ގަންނަން ދާ އިތުރު ޚަރަދު (ފަރަޤު) ސަރުކާރުން ދައްކައިދެ އެވެ. ތެލުގެ އަގު ވަކި ވަރަކަށް ވުރެ ބޮޑުވެއްޖެނަމަ ކަރަންޓު ބިލުން "ފިއުލް ސާޗާޖް" ނެގުމަށް ޤަވާޢިދުގައި އޮތް ނަމަވެސް، އާންމުންނަށް ލުއިކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެ ސަރޗާޖް ނެގުން ހުއްޓުވާފައެވެ. އެހެންކަމުން އެ ގެއްލޭ ފައިސާ ކުންފުނިތަކަށް ދެނީ ސަބްސިޑީގެ ގޮތުގައި ސަރުކާރުންނެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުންޏަކީ އެސް.ޓީ.އޯ އެވެ. އާންމު ބޭނުންތަކަށާއި، މަސްވެރިންނަށް އަދި ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ އެތެރެކުރާ އަގަށްވުރެ ހެޔޮކޮށް ވިއްކަން ޖެހުމުން، އެސްޓީއޯ އަށް ލިބޭ ގެއްލުން ދައުލަތުގެ ބަޖެޓުން ފޫބައްދައިދެ އެވެ.