މެޓް އޮފީހުން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން މިއަދާއި ކުރިއަށް އޮތް ހަތަރު ދުވަހު ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ރަށްރަށުގައި ފެންބޮޑުވުން އެކަށީގެންވާތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން މިއަދާއި ކުރިއަށް އޮތް ހަތަރު ދުވަހު ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އެހެންކަމުން އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން،"
މެޓުން މިއަދު ވަނީ ހއ. އިން ފެށިގެން އދ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިކުރާ ވިއްސާރައިގައި ށ. ޅައިމަގަށް މިއަދު އެރި ބާރުގަދަ ނަގޫރޯޅިއެއްގެ ސަބަބުން އެ ރަށުގެ ހަތަރު ގެއަކަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހަކަށް ވަނީ އަނިޔާވެފަ އެވެ.
އަދި ވިއްސާރައިގެ ސަބަބުން އިއްޔެ ވެސް ވަނީ ބައެއް ރަށްރަށުގައި ފެންބޮޑުވެފަ އެވެ. އެގޮތުން ގއ. ކޮލަމާފުށީގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެ އެވެ.