
ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ރޯކޮށްލުމަށް ސޯޝަލް މީޑިއާގައި ގޮވާލި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް އިތުރު 14 ދުވަސް ޖަހައިފި އެވެ.
އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓްގެ މަގާމް ވެސް އަދާ ކުރެއްވި ޒިހާން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި ސުޕްރީމް ކޯޓުގައި ރޯކޮށް ނުލަނީ ކީއްވެގެންތޯ ސުވާލު އުފައްދައިފަ އެވެ.
ނަމަވެސް އޭގެ ގަޑިއިރެއް ފަހުން އޭނާ އެ ޕޯސްޓު ފޮހެލި އެވެ.
އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރު ކުރީ މިދިޔަ މަހު 21 ގައި ފުވަމުލަކުގައި ހުއްޓަ އެވެ.
އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ އޭނާ ބަންދު ކުރީ 15 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން މިއަދު ކޯޓަށް އަލުން ހާޒިރު ކުރުމުން އިތުރު 14 ދުވަހަށް ބަންދު ކުރުމަށް ވަނީ ނިންމައިފަ އެވެ.