އުމުރުން 65 އަހަރުން މަތީގެ މީހުންނަށްވެސް ޕެންޝަނުން ހައްޖަށް ދެވޭ ގޮތް ހަދައިފި

މި އިސްލާހު ގެނައުމުގެ ކުރިން އޮތް ގަވާއިދުގެ ދަށުން، 65 އަހަރު ފުރިފައިވާ މީހުންނާއި އަދި ހައްޖު ޖާގަ ކަށަވަރުވާ ދުވަހާ ހަމައަށް އެ އުމުރު ހަމަވާ ފަރާތްތަކަށް ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމުގެ ފުރުސަތެއް ނޯވެ އެވެ.

ދިވެހި ހައްޖާޖީން މައްކާގައި. -- ހައްޖު ކޯޕަރޭޝަން

އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ވެސް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ބޭނުންކޮށްގެން ހައްޖުގެ އަޅުކަމަށް ޖާގަ ރިޒާވްކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ރަސްމީކޮށް އަމަލުކުރަން ފަށައިފި އެވެ.

މި އިސްލާހު ގެނައުމުގެ ކުރިން އޮތް ގަވާއިދުގެ ދަށުން، 65 އަހަރު ފުރިފައިވާ މީހުންނާއި އަދި ހައްޖު ޖާގަ ކަށަވަރުވާ ދުވަހާ ހަމައަށް އެ އުމުރު ހަމަވާ ފަރާތްތަކަށް ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމުގެ ފުރުސަތެއް ނޯވެ އެވެ. 

ނަމަވެސް، އަލަށް އަމަލުކުރަން ފެށި އިސްލާހާ އެކު، ޝަރުތު ހަމަވާ ކޮންމެ އުމުރެއްގެ ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބައިވެރިއަކަށް ވެސް، ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ނުވަތަ ހުއްދަ އޮންނަ ހައްޖު ގްރޫޕެއްގެ ހަވާލުގައި މި އަޅުކަން އަދާކުރުމުގެ މަގު މިހާރު ވަނީ ތަނަވަސްވެފަ އެވެ.

މި އުސޫލުގެ ދަށުން ހައްޖަށް ދިއުމަށް ރިޒާވްކުރެވޭނީ އަންނަނިވި މައިގަނޑު ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ.

  • ފަރުޟު ހައްޖު އަދާކޮށްފައި ނުވުން: މީގެ ކުރިން ފަރުޟު ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ ފަރާތަކަށް ވުން.
  • އެކައުންޓް ބެލެންސް: ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި މަދުވެގެން 336،000ރ. ހުރުން.
  • ރަހުނު ކޮށްފައިވާ ފައިސާ: ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ ނަމަ، އެ ފައިސާ އުނިކުރުމަށް ފަހު ވެސް އެކައުންޓުގައި 336،000ރ. ބާކީ ހުންނަން ޖެހޭނެ.

މި އުސޫލުގެ ދަށުން ހައްޖަށް ދާން އެދޭ ފަރާތްތަކުން ހައްޖު ދަތުރުގެ ރަސްމީ އަގުގެ 20 ޕަސެންޓް ހައްޖު ކޯޕަރޭޝަނަށް ދެއްކުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދޭނެ އެވެ.

ބާކީވާ 80 ޕަސެންޓް ފައިސާ ވަގުތުން އެކައުންޓަކުން އުންޏެއް ނުކުރާނެ އެވެ. 

އެ ފައިސާ، ހައްޖު ގެންދާ ފަރާތާ ހަވާލުކުރުމާ ހަމައަށް ހުންނާނީ އެކައުންޓުގައި ހިފެހެއްޓި، އިންވެސްޓް ކުރެވި ފައިދާ އިތުރުވާ ގޮތަށެވެ. އަދި ހިފަހައްޓާފައިވާ ފައިސާއަކީ އެހެން އެއްވެސް ބޭނުމަކަށް ރަހުނު ކުރެވޭނެ އެއްޗެއް ނޫނެވެ. ބައިވެރިޔާ ނިޔާވެއްޖެ ހާލަތެއްގައި ފައިސާ ހިފެހެއްޓުން ވަގުތުން ނިމުމަކަށް އަންނާނެ އެވެ.

އާ އިސްލާހުގައިވާ ގޮތުން، ޕެންޝަން ލިބެމުންދާ ނުވަތަ އަލަށް ރިޓަޔަކުރާ މެންބަރުންގެ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ހައްޖަށް ރިޒާވްކުރާ ފައިސާގެ އަދަދު ނުހިމެނޭނެ އެވެ.

ހައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަން އިނާޔަތުގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެއްވެސް ސަބަބަކާ ހުރެ ހައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާވެއްޖެ ނަމަ، އެ ފައިސާ އަލުން ހިމަނައިގެން ޕެންޝަން އަދަދު އަލުން މުރާޖައާކޮށް ހިސާބުކުރެވޭނެ އެވެ.

ރިޒާވްކުރި އަގަށް ވުރެ ރަސްމީ އަގު ދަށްވެއްޖެ ނަމަ، ހިފަހައްޓާފައިވާ އަދަދުން އެ މިންވަރު އުނިކޮށް ދޫކޮށްލެވޭނެ އެވެ.
އަގު މަތިވާ ހާލަތުގައި އެކައުންޓުގައި އިތުރު ފައިސާ ހުރި ނަމަ ހިފެހެއްޓޭނެ އެވެ. ފައިސާ ނެތް ނަމަ، އަމިއްލައަށް ފައިސާ ދެއްކުމުގެ ނުވަތަ ރިޒަވޭޝަން ބާތިލުކުރުމުގެ އިހުތިޔާރު ލިބިގެންވެ އެވެ.

އެއްވެސް ސަބަބަކާ ހުރެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެ ނަމަ، ހައްޖު ދުވަހުގެ ފަހުން ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ޕެންޝަން އޮފީހަށް ރައްދުކުރަން ޖެހެ އެވެ. 

އަދި ޕެންޝަން އޮފީހުން ގިނަވެގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ މެންބަރުގެ ރިޓަޔަމަންޓް ސޭވިން އެކައުންޓަށް އަލުން ޖަމާކޮށްދޭން ޖެހޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.