އޭނާ ކުރިން ބަންދު ކުރީ 12 ދުވަހަށް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މީހާ އިތުރު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
އޮކްޓޯބަރު 22 ގައި ހއ. ބާރަށު، ކުއްޅަވައްގޭ، އަލީ ޖުމާން ހައްޔަރުކުރީ އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހައި ފިހާރައެއް ލޫޓުވުމަށް ގޮވާލައި ހިތްވަރު ދިން މައްސަލައެއްގަ އެވެ.
އޭނާ އެންމެ ފުރަތަމަ ބަންދު ކުރީ 12 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން އިއްޔެ ކްރިމިނަލް ކޯޓަށް އޭނާ ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އިތުރު 15 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފަ އެވެ.
އޭނާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.
އެފަދަ ގޮތަކަށް ދައުލަތުގެ ތިން ބާރު ހިންގާ އޮފީސްތަކުގައި ރޯކުރަން ގޮވާލި މައްސަލައެއްގައި ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި ޒިހާން ހަސަން ވެސް ވަނީ ހައްޔަރުކޮށް ބަންދު ކޮށްފަ އެވެ.