މަހެއްގެ މައްޗަށް ބަލާއިރު ގާތްގަނޑަކަށް 97 ޕަސެންޓުގެ ކުރިއެރުމެއް ކަމަށާއި، އެހެންކަމުން މިހާރު ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ބުނެ އިދިކޮޅުން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާބަލާއިރު، މި ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރުގެ އަދަދު 80 ޕަސެންޓް އިތުރުވެ، ޖުމްލަ 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި އޭނާގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓުގެ ސިޔާސަތުތައް ކަނޑައެޅުމަކީ ގާނޫނީ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި އަމާޒުވަމުންދާ ސުވާލުތަކަށް ސާފު މައުލޫމާތު ދެއްވުމުގެ ގޮތުން، ވޭތުވެދިޔަ އަހަރުތަކުގެ ރަސްމީ ތަފާސްހިސާބުތައް އޭނާ ވަނީ ހިއްސާކުރައްވައިފަ އެވެ.
ސައީދު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު:
އަހަރުތަކަށް ބަހާލައިގެން ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 2024 ވަނަ އަހަރު ރަސްމީ ރޭޓް ކަމަށްވާ 15.42 ރުފިޔާގެ ރޭޓުން 483.5 މިލިއަން ޑޮލަރު ދޫކުރެވުނު ކަމަށާއި، 2025 ވަނަ އަހަރު ވިޔަފާރިތަކުގެ ޓީޓީތަކަށާއި ދަރިވަރުންނާއި ބޭސްފަރުވާއަށް 733.8 މިލިއަން ޑޮލަރު ދޫކުރެވުނު ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ މިހާތަނަށް 718.5 މިލިއަން ޑޮލަރު ދޫކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ތަފާސްހިސާބުތަކުން ދައްކަނީ މަހެއްގެ މައްޗަށް ބަލާއިރު ގާތްގަނޑަކަށް 97 ޕަސެންޓުގެ ކުރިއެރުމެއް ކަމަށާއި، އެހެންކަމުން މިހާރު ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ބުނެ އިދިކޮޅުން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިގޮތަށް ޑޮލަރު ދޫކުރެވޭ މިންވަރު އިތުރުވީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި މިންވަރަކަށް ބޭންކުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އެޅުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި އިކޮނޮމިކް މިނިސްޓަރަށް ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ އާންމު ކޮމިޓީން އެއް ގަޑިއިރުގެ ވަގުތެއް ދީފައިވާއިރު، މައްސަލައިގެ ބަހުސްގައި ސުޕަ މެޖޯރިޓީ އޮތް ޕީއެންސީއަށް 38 މިނެޓް އަދި އިދިކޮޅު އެމްޑީޕީއަށް ދިނީ ނުވަ މިނެޓެވެ.