މިއަހަރުގެ އޮކްޓޯބަރު 22 ގެ ނިޔަލަށް ޕީއެސްއައިޕީގެ ޖުމްލަ ޚަރަދަކީ 5،1 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ އަށް 6،62 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން ދަށްވެއްޖެ އެވެ.
މިއަހަރުގެ އޮކްޓޯބަރު 22 ގެ ނިޔަލަށް ޕީއެސްއައިޕީގެ ޖުމްލަ ހަރަދަކީ 5،1 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ އަށް 6،62 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި އަހަރަށް ފާސްކޮށްފައިވާ ޕީއެސްއައިޕީ ބަޖެޓުގެ ޖުމްލައަކީ 8،31 ބިލިއަން ރުފިޔާ އެވެ. އެންމެ ބޮޑު ދަށްވުމެއް ދަތުރުފަތުރުގެ އުމްރާނީ ތަރައްގީއަށް ހަރަދުތައް އެންމެ ބޮޑަށް ދަށްވެފައިވަނީ އިގްތިސާދީ ކަންކަމާ ގުޅޭ ދާއިރާއިންނެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއަށް 4،5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއަހަރު ހަރަދުކޮށްފައިވަނީ 2،32 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ފަރަގެއް ފެންނަނީ ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗާއަށް ކޮށްފައިވާ ހަރަދުންނެވެ.
މިދިޔަ އަހަރު އެ ބަޔަށް 4،338.5 މިލިއަން ރުފިޔާ ހަރަދުކުރިއިރު، މިއަހަރު ހަރަދުކޮށްފައިވަނީ އެންމެ 1،9 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއަށް ކުރި ހަރަދުވެސް ވަނީ 520.5 މިލިއަން ރުފިޔާއިން 188.8 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. ތައުލީމާއި ބޯހިޔާވަހިކަމުގެ ހަރަދުތައް ވަނީ އިތުރުވެފައި، ޖުމްލަ ހަރަދުތައް ދަށްވި ނަމަވެސް، އިޖުތިމާއީ ބައެއް މުހިންމު ދާއިރާތަކަށް ޕީއެސްއައިޕީން ކުރި ހަރަދު ވަނީ އިތުރުވެފަ އެވެ.
ތައުލީމީ ދާއިރާ - މިދިޔަ އަހަރު 111.7 މިލިއަން ރުފިޔާ ހަރަދުކުރިއިރު، މިއަހަރު ވަނީ 470.8 މިލިއަން ރުފިޔާ ހަރަދުކޮށްފައި އެވެ.
ބޯހިޔާވަހިކަމާއި މުޖުތަމައުގެ ވަސީލަތްތައް - މިދިޔަ އަހަރު 525.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް 679.0 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ސިއްހީ ދާއިރާ - މިދިޔަ އަހަރު 292.0 މިލިއަން ރުފިޔާ ހަރަދުކުރިއިރު، މިއަހަރު 319.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ބިމުގެ މެނޭޖްމަންޓް (ލޭންޑް މެނޭޖްމަންޓް) - އާންމު ހިދުމަތްތަކުގެ ބައިގައި ހިމެނޭ ބިމުގެ މެނޭޖްމަންޓަށް ކުރި ހަރަދު ވަނީ 397.9 މިލިއަން ރުފިޔާއިން 754.7 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
މި ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ތެރޭގައި ސަރުކާރުގެ އުމްރާނީ ތަރައްގީގެ ހަރަދުތަކުގެ މިސްރާބު ވަނީ ބަދަލުވެފަ އެވެ. ބޮޑެތި ޓްރާންސްޕޯޓް މަޝްރޫއުތަކަށް ކުރާ ހަރަދު މަދުވެފައިވާއިރު، އިޖުތިމާއީ ދާއިރާތަކަށް، ހާއްސަކޮށް ތައުލީމާއި ބޯހިޔާވަހިކަމާއި ބިން ތަރައްގީކުރުމަށް ކުރާ ހަރަދު ވަނީ ނިސްބަތުން އިތުރުވެފަ އެވެ.