ނޮވެމްބަރު 3 ގައި ހާތިޔާރުގެ އަޅުވެތިކަމުން މިނިވަންކަން ހޯދި ގޮތަށް މިއަދު ދަރަނީގެ އަޅުވެތިކަމުން މިނިވަން ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި

ގައުމެއްގެ މިނިވަންކަމާއި ދީން ރައްކާތެރި ކުރެވޭނީ ސަލާން ޖަހަން ނުޖެހޭ ވަރަށް އިގްތިސާދީ މިނިވަންކަން ލިބިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމެއް، ޖަމާއަތެއް، އާއިލާއެއް ނުވަތަ ވަކި ފަރުދެއް ވިޔަސް އެ މީހަކަށް މިނިވަންކަމާއެކީ ބަސް ބުނުމާއި އެއްވެސް ފަރާތެއްގެ ނުފޫޒެއްގައި ނުޖެހި އުޅެވޭނީ އަމިއްލަ ފުދުންތެރިކަން ހުރެގެން ކަމަށެވެ.
ފުދުންތެރިކަން ނެތް ނަމަ އަބަދުވެސް ހުންނަން ޖެހޭނީ ދަރަނި ދޭ ފަރާތްތަކަށް ކިޔަމަންވެގެން ކަމަށާއި އެ ފަރާތަކުން ހުރޭ އަދި ނުރުހޭ ކަންކަމަށް އިޖާބަދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމެއްގެ ވެސް މިސާލަކީ މިއީ. އެ ގައުމެއްގެ އަމިއްލަ ބަސް ބުނެވެނީ އަދި އަމިއްލަ ދީނާއި އަމިއްލަ ގޮތް ރައްކާތެރި ކުރެވެނީ، އެ ގައުމެއްގައި ސަލާން ޖަހަން ނުޖެހޭ އިގްތިސާދަކަށް ފުރާނަ އެޅިފައި އޮވެގެން. އިގްތިސާދީ މިނިވަންކަން ލިބިގެން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ނޮވެމްބަރު 3، 1988 ގައި ޣައްދާރުންގެ ހަތިޔާރުތަކުގެ އަޅުވެތިކަމުން ގައުމު މިނިވަން ކުރި ގަދައިން މިއަދު ދަރަނީގެ އަޅުވެތިކަމުން ވެސް ދިވެހި ގައުމު މިނިވަން ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ގައުމިއްޔަތާއި މިނވިަންކަމަށް ކުޑަ ވެސް ހީނަރުކަމެއް ނާންނާނެ ކަން ކަށަވަރު ވާނެ ގޮތަށް ގައުމުގެ މުޅި މާލިއްޔަތަށް ހެޔޮ އަސަރު ކުރާނެ ފަދަ އިންގިލާބީ ބަދަލުތަކާ ދިވެހިން ކުރިމަތިލާން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭގެ ނަތީޖާ އަކަށް ވާނީ ދިވެހިން ފުދުންތެރި ބަޔަކަށްވުމާއި ގައުމު ތަރައްގީވުމުގެ އިތުރުން ބޭރު ދުނިޔޭގައި ދިވެހި ދައުލަތް ވަރުގަދަވުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީކަން އަރުވަނީ ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަމާއި މިނިވަންކަމާއި ދިވެހިންގެ އަމިއްލަ ވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސްއުނިކަމެއް އަންނާނެ ފަދަ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް އެދިވަޑައިގަތީ ސިޔާސީ ޖަޒުބާތުގެ ކުރިޔަށް ގައުމީ އިހުލާސްތެރިކަން ނެރުމާއި ޒާތީ އަރައިރުންތަކުގެ ކުރިއަށް ގައުމުގެ ބާއްޖަވެރިކަން އިސްކުރުމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ގައުމީ ސަލާމަތާއި ފުދުންތެރިކަމާއި ކޮންމެ ފަރުދެއްގެ އުފާވެރިކަން އިސް ކުރުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.