ޝަހީދު ހުސެއިން އާދަމް ގުރުބާނީގެ 10 މިނެޓް

ހަމަލާ ފެށުނީ ފަތިހު 4.20 އެވެ. ޝަހީދު ހުސެއިން އާދަމް ވަނީ އޮޓޯ އާއި ރެގިއުލާގައި 10 މިނެޓު ވަންދެން ރައްދު ދިނެވެ. މި ހަމަލާތައް ވެގެން ދިޔައީ ސިފައިން ތައްޔާރުވާން ލިބުނު ފުރުސަތަކަށެވެ.

ޝަހީދު ހުސެއިން އާދަމް ޝަހީދު ވެގެން ވެއްޓިފައި އަދި ދުޝްމަނުންގެ އުންޑައެއް އަަރައި ސްޓަކް ވެފައިވާ ހުސެއިން ގެންގުޅުނު ބަޑި

އާއްމު ދުވަސްތަކާ އެ ދުވަސް ވަކިން ތަފާތެއް ތެވެ. އިރު އޮއްސުމާއެކު އެއީ އާއްމު ރޭތަކުގެ ތެރެއިން ރެއެކެވެ. ފެހިކަންގަދަ، މަޑުމައިތިބި ރާއްޖެ އޮތީ ހިމޭންކޮށް ނިދާފަ އެވެ. އާއްމު އާދައިގެ މަތިން ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރުގެ ސިފައިންގެ ދެ މީހަކު ފޯރިމަރަން ސިފައިންގެ ދޮރުމަތީގައި ތިއްބެވެ. މައި ދޮރާށި ބެލެހެއްޓުމަށް ފޯރިމަރަން ތިބީ ޝަހީދު ޕްރައިވެޓް ހުސެއިން އާދަމް އާއި ޕްރައިވެޓް އާދަމް މުހައްމަދު  (ގުލްބަކާ) އެވެ. ޕްރައިވެޓް ހުސެއިން އާދަމް ހުރީ ހުޅަނގު ފަރާތު ގޭޓުގަ އެވެ. އާދަމް މުހައްމަދު ހުރީ އިރުމަތީ ފަރާތު ގޭޓުގަ އެވެ. ޑިއުޓީ މަރަން މިހެން ތިއްބައި ކުއްލިއަކަށް އިވުނީ ބަޑިއެއް ޖެހި އަޑެވެ. އޭރު ގަޑިން ފަތިހު 4.15 ވެއްޖެ އެވެ. މައިގޭޓުގެ ޑިއުޓީގައި ހުންނެވި "ޑިއުޓީ ސަރުދާރަށް" ހީވީ ޑިއުޓީގައި ތިބި މީހުންގެ އަތުން ވަޒަނެއް "މިސްފަޔާ" ނުވަތަ ގޮވީ ކަމަށެވެ. ހުސެއިން އާމްދަގެ އަތުން ވަޒަނެއް ގޮވީ ތޯ ޑިއުޓީ ސަރުކާރު ހުސެއިން ގާތުން އެއްސެވި އެވެ. 

"އަހަރެން އަތަކުން ނޫން. މިތަނުގައި ސޯޓުބުރި ލައިގެން ބަޔަކު އެބައުޅޭ،" ދިވެހިންގެ އެމީހަކަށްޓަކައި ފަހުރުވެރިވާ ގައުމީ ބަތަލް ހުސެއިން އާދަމް ޖަވާބު ދިނެވެ. އޭގެ މިނެޓެއްހާއިރު ފަހުން ސިފައިންގެ ކުރިމަތީގައި އޮންނަ ކާނޭޝަން ހިނގުމުން ސިފައިންގެ މައިގޭޓަށް އަމާޒުކޮށް ބަޑި ތަޅައިގަތެވެ.

ނަސްރުގެ ދުވަހުގެ ފޮޓޯމައުރަޒުގައި ބަހައްޓާފައިވާ ޝަހީދު ހުސެއިން އާދަމް އެ ދުވަހު ބޭނުންކުރި ބަޑި -- ފޮޓޯ މިހާރު

 މި ހާދިސާގެ ތަފުސީލުތަކާއި ފޮޓޯ ހިމެނޭހެން ސިފައިން ލިޔެ 2012 ވަނަ އަހަރު ޝާއިއުކުރި "ނޮވެމްބަރު 3" ފޮތުގައިވާ ގޮތުން މި ވަގުތަކީ ރާއްޖޭގެ ޒަމާންވީ ސުލްހަވެރި ތާރީހު ބަދަލުކޮށްލި 19 ދިވެހިން ޝަހީދު ވެގެން ދިޔަ ހަމަލާގެ ފެށުން އައި ވަގުތެވެ. ދިވެހި ދައުލަތުގެ ވެރިކަން ބަދަލު ކުރަން ދިވެހިންގެ މަދު ބަޔަކާއި އޭރު ލަންކާގައި އޮތް އެންމެ ވަރުގަދަ އެއް ގޮރިއްލާ ހަނގުރާމަވެރިންގެ ކުލީސިފައިން" ގެ ބަޔަކު ދިން ހަމަލާ ފެށުނު ވަގުތެވެ. ހަމަލާ ފެށިގެން ދިޔައީ 3، ނޮވެމްބަރު 1988 ވަނަ ދުވަހުގެ ފަތިހު 4.20 އެހާއިރު އެވެ. 

ހަމަލާތައް ފެށި އޮޓޯގައި އައި ވަޒަންތައް ސިފައިންގެ މައިގޭޓުގެ ފާރަށް އަރަމުން ދިޔަ އެވެ. އެ ދުވަސްވަރު ސިފައިންގެ ފަރުމާކޮށްފައިވާ ގޮތުން ފޯރި މަރަން ނުކުންނަ ސިފައިންގެ މީހުން ތިބެން ޖެހޭނީ ފޯރިމަރާ ބްލޮކް ނުވަތަ "ސެނގަރު" ގެ ބޭރުގަ އެވެ. ވަދެ ނުކުމެ ހަދަން ޖެހޭނީ މައިގޭޓުގެ ބޭރަށް ނުކުމެގެންނެވެ. އެހެންވެ ހަމަލާ ފެށުމާއެކު ބަޑި ތައްޔާރުކޮށް ރައްދު ދޭން ފެށި އެވެ. 

ނަސްރުގެ ދުވަހުގެ ފޮޓޯމައުރަޒުގައި ބަހައްޓާފައިވާ ޝަހީދު ހުސެއިން އާދަމް އެ ދުވަހު ބޭނުންކުރި ބަޑި -- ފޮޓޯ މިހާރު

ހަމަލާ އަރަމުން ދިޔައިރު، ހިތްވަރުގަަދަ ސިފައިންގެ ދެ ބޭކަލުން ކަމަށްވާ ޕްރައިވެޓް ހުސެއިން އާދަމް އާއި އާދަމް މުހައްމަދު އޮޓޯގައި ބަޑި ޖަހަމުން ގޮސް ސެނގަރުގެ ތެރެ އަށް ވަނެވެ. އެ ވަގުތު ބޮޑު ގޭޓުގެ ބޭރުގައި ހުރި އާދަމް މުހައްދު ޝަހީދު ހުސެއިން އާދަމްއަށް އެތެރެއަށް ވަންނަން ގޮވަމުން ދިޔަ އެވެ. ނަމަވެސް ހުސެއިން އާދަމް އެ އަޑެއް ނޭހި އެވެ. އޭރުވެސް ހުސެއިން އާދަމް އޮޓަމެޓިކްގައި ބަޑި ޖަހަމުން ދިޔަ އެވެ. ނަމަވެސް ފަހުން ބަޑި ރެގިއުލާ އަށް ބަދަލުކުރި އެވެ.

ހުސެއިން އާދަމް ބަޑި ޖަހަމުން ދިޔައިރު ގޭޓުގެ އެތެރޭގައި ދޮރު ހުޅުވާ ލައްޕަން ހުރި ޕްރައިވެޓް ޖިހާދު އަހުމަދު ހުސެން އާދަމްއާ ވާހަކަ ދައްކަމުން ދިޔަ އެވެ. ހަމަލާ ބަދަލު ކުރަން ފެށުމާއެކު އެންސީއޯ ލާންސް ކޯޕްރަލް އަހުމަދު ރިޒާ ބުނެގެން ގޭޓުގެ ޑިއުޓީގައި ތިބި ދެ މީހުންކުރެ މީހަކަށް އަނިޔާވި ތޯ އެއްސެވި އެވެ. ނަމަވެސް އިރުމަތީ ފަރާތު ގޭޓުގައި ހުންނެވި އާދަމް މުހައްމަދުގެ ހަބަރެއް ނުވި އެވެ.

އެންސީއޯ ލާންސް ކޯޕްރަލް އަހުމަދު ރިޒާ އެއްސެވުމުން ހުސެއިން އާދަމްގެ ޖަވާބަކަށްވީ "ތިމަންނަ އަށް ކަމެއް ނުވެއޭ، މިދަނީ ބަޑި ޖަހަމުންނެވެ"

އާދަމް މުހައްމަދު ކޮބައި ތޯ އެހުމުން ހުސެއިން އާދަމް ބުނި ކަމަށްވަނީ "ތިމަންނާއަށް އާދަމް ފެންނަން ނެތް ކަމަށެވެ"

ހަމަލާ ފެށުމާއެކު ޕްރައިވެޓް އާދަމް މުހައްމަދު ބަޑި ޖަހަމުން ގޮސް ވަނީ ސިފަައިންގެ ތެރެއަށެވެ. ނަމަވެސް ހުސެއިން އާދަމް ހިޔާރުކުރީ ހަނގުރާމައިގެ މައިދާނުގައި ހުންނެވުމަށެވެ. ހުސެއިންގެ މި ހިތްވަރު ވެގެން ދިޔައީ ފުރަތަމަ ހަމަލާ ދޭން ފެށިއިރު ނުލެއްޕި ހުރި ދޮރު ތަޅު ނުލިނަމަވެސް ލައްޕަން ވަގުތު ލިބުނު ކަމަށެވެ. އަދި ރިޒާ މައިގޭޓު ހުރަސްކޮށް އަނެއް ފަރާތައް ގޮސް އިމަޖެންސީ ރަނގަބީލު އެޅި އެވެ. އޭރު ވެސް ދޮށިމޭނާ އިމާރާތުގެ ފާރުމަތީ ބަޑި ބަަހައްޓައިގެން ތިން މީހަކު ސިފައިންގެ އަށް ބަޑި ޖަހަމުން ދިޔަ އެވެ. 

ހަމަލާގެ 10 ވަރަކަށް މިނެޓު ފަހުން ހުސެއިން އާދަމްގެ އަތަށް ވަޒަނެއް އެރި އެވެ. އަދި ފުރަތަމަ މެގަޒިން ހުސްވެގެން ދެވަނަ މެގަޒިން ލެއްވި ވާހަކަ ބުންޏެވެ. 

ފުރަތަމަ މެގަޒިން ހުސްކޮށް ދެވަނަ މެގަޒިން ލޯޑް ކުރުމާއެކު "ތިމަންނާ އަތުން ވަޒަން ހުސްވަނީއޭ ، ވަޒަނެއް ލިބޭނެ ގޮތް ހަދައިދޭށޭ ބުންޏެވެ" 

ނަމަވެސް ޑިއުޓީ ލާންސްކޯޕްރަލް ރިޒާ ބުނީ ވަަޒަން ނުލިބޭ ކަމަށެވެ. އެހެންވެ އެތެރެއަށް ވަދެވޭ ތޯ ބެލުމަށެވެ. ނަމަވެސް ޝަހީދު ހުސެއިން އާދަމްގެ ޖަވާބަކީ "ތިމަންނާ އަތުގަ އެތެރެއަށް ވަދެވޭ ވަރަށް ވަޒަން ނެތް ކަމަށާ ބޭނުންވަނީ ވަޒަން ކަމަށެވެ" 

އޭގެ ކުޑައިރުކޮޅެއް ފަހެވެ. ޝަހީދު ހުސެއިން އާދަމް ބުނީ ތިމަންނަ މަރުވަނީ ކަމަށެވެ. އޭރު ވެސް ހުއްޓުމެއް ނެތި ސިފައިންގެ ގޭޓަށް "ވާރޭ ވެހޭހެން" ވަޒަން އަރަމުން ދިޔަ އެވެ. މި ވަގުތުކަން ދިމާވި ގޮތުން ޝަހީދު ހުސެއިން އާދަމްގެ އަތުގައި އޮތް ބަޑީގެ މެގަޒިންއަށް ދުޝްމަނުން ހަމަލާއެއް އަރައި ތާށިވި އެވެ. ބަޑި މަސައްކަތް ކުރުން ހުއްޓުނެވެ. ހުސެއިން އާދަމް ރައްދުގައި ހަމަލާ ދިނުން ހުއްޓުމާއެކު ދުޝްމަނުން ދިން ހަމަލާތަކުގައި ހުސެއިން އާދަމް ޝަހީދުވި އެވެ. 

ނަމަވެސް ހަމަލާ އަށް ސިފައިން ތައްޔާރުވުމުގެ މަރުހަލާތައް އޭރު ވަނީ ފެށިފަ އެވެ. ސިފައިންގެ "އެލާޓް" ކުރަން ވަގުތު ދިނެވެ. މަގާމުތަކަށް ހަތިޔާރާއެކު ސިފައިން ގޮސް ތައްޔާރީ ހާލަތަށް ސިފައިން އައެވެ. ޝަހީދު ހުސެއިން އާދަމްގެ ގުރުބާނީގެ 10 މިނެޓު ވެގެން ގޮސްފައިވަނީ ދިވެހިން މިއަދު ފެންނަ މިނިވަންކަން ޔަގީންވި 10 މިނެޓަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.