ބިލްޑް އެކްސްޕޯއަކީ ރާއްޖެ އާއި ބައިނަލްއަގުވާމީ ފެންވަރުގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސަޕްލަޔަރުންނާއި، ވިޔަފާރިތައް އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ޕްލެޓްފޯމެކެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބާއްވާ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގެ އެންމެ ބޮޑު މައުރަޒު ކަމަށްވާ "ބިލްޑް އެކްސްޕޯ" ގެ 7 ވަނަ އެޑިޝަން އަންނަ 2027 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އިއުލާންކޮށްފިއެވެ.
މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ އަންނަ އަހަރުގެ އޭޕްރީލް 15 އިން 18 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ބިލްޑް އެކްސްޕޯއަކީ ރާއްޖެ އާއި ބައިނަލްއަގުވާމީ ފެންވަރުގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސަޕްލަޔަރުންނާއި، ވިޔަފާރިތައް އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ޕްލެޓްފޯމެކެވެ. މި މައުރަޒުގެ ޒަރީއާއިން ފަހުގެ ޓެކްނޮލޮޖީއާއި، ދެމެހެއްޓެނިވި (ސަސްޓެއިނަބަލް) ބިލްޑިން މެޓީރިއަލްސް އަދި އިންޖިނިއަރިންގެ އައު ހައްލުތައް ދައްކާލެވޭނެއެވެ. އަދި މިއީ ރާއްޖޭގެ ކޮންސްޓްރަކްޝަން މާކެޓަށް ވަންނަން ބޭނުންވާ ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލެވޭ މުހިންމު ދޮރެކެވެ.
އެގްޒިބިޓަރުންގެ ސްޓޯލްތައް: އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި، ބަރު މެޝިނަރީ، ހާއްސަ އާލާތްތައް އަދި އިންޓީރިއަރ ސާމާނުތައް ސަޕްލައިކުރާ ފަރާތްތަކުން އެތަކެތި ދައްކާލުން.
ބީ2ބީ ނެޓްވޯކިންގ: ލޯކަލް ކޮންޓްރެކްޓަރުންނާއި، އެޖެންޓުން އަދި ބައިނަލްއަގުވާމީ ޑިސްޓްރިބިއުޓަރުންގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް ޕާޓްނަރޝިޕްތައް ހެދުމުގެ ފުރުސަތު.
ކީނޯޓް ޕްރެޒެންޓޭޝަންތައް: ދާއިރާގެ ތަޖުރިބާކާރުންގެ މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ދުނިޔޭގެ ޓްރެންޑްތަކަށް އަލިއަޅުވާލުން.
އައު ޕްރޮޑަކްޓްތައް ނެރުން: މާކެޓަށް އަލަށް ތައާރަފްކުރާ ޓެކްނޮލޮޖީތަކާއި އިމާރާތްކުރުމުގެ އައު ސާމާނުތައް ލައިވްކޮށް ދައްކާލުން.
ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަންތައް: އެކްސްޕޯއަށް ޒިޔާރަތްކުރާ އާންމުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކާއި ޕްރޮމޯޝަންތައް.
މި އެކްސްޕޯގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. އަދި އެކްސްޕޯއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ބިލްޑް އެކްސްޕޯގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.