އޭނާ އަވަހާރަވީ މީގެ ދުވަސްކޮޅެއް ކުރިން ސްޓްރޯކެއް ޖެހިވަޑައިގަތުމާ ގުޅިގެން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރާއްޖޭގެ މުވާސަލާތީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ދިރާގުގެ ކުރީގެ ޗެއާމަން ރިޟްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ މީގެ ދުވަސްކޮޅެއް ކުރިން ސްޓްރޯކެއް ޖެހިވަޑައިގަތުމާ ގުޅިގެން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. 1988 ވަނަ އަހަރު ދިރާގާ ގުޅިވަޑައިގެންނެވި ރިޟްވާން ވަނީ އެ ކުންފުންޏަށް އެތައް ގޮތަކުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ދިރާގުގެ ބޯޑުގައިވެސް މަސައްކަތްކުރެއްވި ރިޟްވާން، އެ ކުންފުނީގެ ޗެއާމަންކަން ކުރައްވާފައިވަނީ ޖެނުއަރީ 2014 އިން ފެބްރުއަރީ 2015 އަށެވެ.
ރިޟްވާން އަވަހާރަވުމާ ގުޅިގެން ދިރާގުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އެއީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަން ފާހަގަކޮށް، މަރުހޫމްގެ އާއިލާއަށާއި ހެޔޮއެދޭ ފަރާތްތަކަށް ތައުޒިޔާ ފޮނުވާފައެވެ.