ރަސްމާލެ މަޝްރޫއާ ދެކޮޅަށް ރިފަރެންޑަމަކަށް ގޮވާލައި، ސީދާ ހަރަކާތަށް ނުކުންނަން އެމްޑީޕީން ނިންމައިފި

ކޯރަމް ހަމަނުވެގެން ލަސްތަކެއް ވުމަށް ފަހު ބޭއްވި މި ބައްދަލުވުމުގައި މި ގަރާރު ފާސްކުރީ ބައިވެރިވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ގަރާރު ފާސްކުރަން މެމްބަރުން ވޯޓު ދެއްވަނީ. --ފޮޓޯ: މިހާރު

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ނިންމާފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމެއް) ނެގުމަށާއި، ސަރުކާރުން އެކަމަށް އިޖާބަ ނުދީފި ނަމަ މަގުމައްޗަށް ނުކުމެ ސީދާ ހަރަކާތް ފެށުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ގަރާރެއް ފާސްކޮށްފި އެވެ.

ކޯރަމް ހަމަނުވެގެން ލަސްތަކެއް ވުމަށް ފަހު ބޭއްވި މި ބައްދަލުވުމުގައި މި ގަރާރު ފާސްކުރީ ބައިވެރިވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި ގަރާރަކީ އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު ހުށަހަޅުއްވައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ތާއީދުކުރެއްވި ގަރާރެކެވެ.

ގަރާރުގައި ހިމެނޭ މައިގަނޑު ކަންކަން:

  • އެއްބަސްވުން ހާމަކުރުން: އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ކޮމާޝަލް ޓާމްސް އާންމުކޮށް، ދެފުށް ފެންނަ ގޮތަށް ކަންކަން ހާމަކުރުން.
  • ފެންނަ ނުފެންނަ ވޯޓެއް ނެގުން: ރަސްމާލެ ބިން ހަވާލުކުރުމާ މެދު އާންމު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރިފަރެންޑަމެއް ބޭއްވުން.
  • ހައްގުތައް އުފެއްދުން ހުއްޓުވުން: ވޯޓުގެ ނަތީޖާ ލިބެންދެން އެ ބިމުގެ މައްޗަށް އެއްވެސް ތިންވަނަ ފަރާތެއްގެ ގާނޫނީ ހައްގެއް އުފެދޭނެ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުން.
  • ސީދާ ހަރަކާތަށް ނުކުތުން: ހުށަހެޅުންތަކަށް ސަރުކާރުން އިޖާބަ ނުދީފި ނަމަ އެހެން ޕާޓީތަކާއި ޖަމިއްޔާތައް ގުޅިގެން މުޅި ރާއްޖޭގައި ސީދާ ހަރަކާތް ފެށުން.
  • ހޭލުންތެރިކުރުމާއި ފާރަވެރިވުން: މަޝްރޫއުގެ ނުރައްކަލާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކޮށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ސަރުކާރު ޖަވާބުދާރީ ކުރުވުން.

އެމްޑީޕީ ގައުމީ މަޖިލީހުގެ ކަންބޮޑުވުންތައް

ގަރާރަށް ވާހަކަދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފާހަގަކުރެއްވީ، ރައްޔިތުންގެ ބޯހިޔާވަހިކަމަށް ބޮޑު ހޭދައެއް ކޮށްގެން ހިއްކި ބިން ބޭރުގެ ބަޔަކަށް ހިލޭ ދޭ ކަމުގެ އަޑުތައް ފެތުރިފައިވާތީ އެކަމުގެ ކަންބޮޑުވުމެވެ. 99 އަހަރުގެ މުއްދަތު ދާއިމަށް އިތުރުކުރެވޭ ގޮތަށް އޮތުމަކީ ނުރައްކަލެއް ކަމަށާއި، މިފަދަ ނިންމުމެއް ނިންމަން ވާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މުޅި ރަސްމާލެ މަޝްރޫއަކީ ދައުލަތުން 800 މިލިއަނެއްހާ ޑޮލަރު ހޭދަކޮށްގެން ހިންގި ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި ދެފުށް ނުފެންނަ މިފަދަ މުއާމަލާތްތަކުގެ ސަބަބުން ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރައި ނަފުރަތު އުފެދޭ ކަމަށް ފާހަގަކުރައްވައި، އެއްބަސްވުން ވަގުތުން ހާމަކުރުމަށް ގޮވާލެއްވި އެވެ.

މި ގަރާރު ފާސްކުރިއިރު، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުރަސްއަޅައި ވަތަނީ ފިކުރު އިސްކުރުން ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ނަމަވެސް ގައުމީ މަޖިލީހުގެ މެންބަރުންގެ ވިސްނުމަކީ، ޕާޓީން ދެކޮޅު ހަދަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ނޫން ކަމަށާއި، ސިއްރުވެރި އަދި ދެފުށް ނުފެންނަ އެއްބަސްވުންތަކަށް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.