ޗާގޯސް މައްސަލައިގައި އިހުމާލުވި މީހުންގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް

މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ މި މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ގޮތުން އުފައްދާފައިވާ ކޮމިޝަނެއް ކަމަށް ގަރާރުގައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ރާއްޖެއާ ޗާގޯސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވެފައިވާ ކަމަށް ބުނެ، އެކަމުގައި އިހުމާޅުވި މީހުންގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ އިހުތިޔާރުގެ ދަށުން ރިޔާސީ ކޮމިޝަނެއް އުފައްދައިފި އެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ގޮތަށް، "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން" ރައީސްގެ ގަރާރަކުން މިއަދު ވަނީ އުފައްދަވާފަ އެވެ.

މި ކޮމިޝަން ރައީސް އުފެއްދެވި ސަބަބެއް ކަމަށް ގަރާރުގައި ބަޔާންކޮށްފައި ވަނީ، މި މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް އައްޔަނުކުރެވުނު ބައިނަލްއަގުވާމީ ހަބީރުންގެ ރިޕޯޓުތަކުގައި، ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަޙައްދެއް ގެއްލިގެން ދިޔައީ، ރާއްޖެއިން ކަންކުރިގޮތުން ކަމަށް ލަފާދެއްވާފައިވާ ކަމަށެވެ. 

އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ މި މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ގޮތުން އުފައްދާފައިވާ ކޮމިޝަނެއް ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

މި ކޮމިޝަން އެކުލަވާލާފައި ވަނީ ހަތް މެންބަރުން ހިމެނޭ ގޮތަށެވެ. އެއީ؛

  • 1.އަހުމަދު ޝާކިރު (ރައީސް)
  • 2.އަބްދުލްއަޒީޒް ޔޫސުފް
  • 3.ޑރ. އާމިނަތު ޝާފިޔާ އާދަމް
  • 4.ޑރ. އަބްދުލްމުހުސިން މުހައްމަދު
  • 5.ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރޓޑ) މުހައްމަދު ސޯދިގު
  • 6.އަހުމަދު އަލީމަނިކު
  • 7.ފާތިމަތު މިންހަތު އައްޒަތު

ކޮމިޝަންގެ މަސްއޫލިއްޔަތުތައް

  •  އިޓްލޮސްގެ ކޭސް ނަންބަރު 28ގެ މައްސަލަ ހުށަހެޅުމާ ހަމައަށް އަދި މި މައްސަލައިގެ މައުލޫގެ ގޮތުގައި ހުށަހަޅައި ކުރިއަށްދިޔަ ގޮތާއި މައްސަލައަށް ރާއްޖެއިން ޖަވާބުދާރީވުމުގައި އަދި މައްސަލައާ ގުޅުންހުރި، ވަށައިގެންވާ ހުރިހާ ކަމެއްގައި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކާއި ދައުލަތުގެ ފަރާތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޝާމިލުވި ހުރިހާ މަސްއޫލުވެރިންނާއި އިހްތިޔާރާއި ބާރުތައް ލިބިގެންވީ ހުރިހާ ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި ތަހުގީގު ކުރުން
  •  ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކާއި ދައުލަތުގެ ފަރާތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޝާމިލުވި ހުރިހާ މަސްއޫލުވެރިންނާއި އިހްތިޔާރާއި ބާރުތައް ލިބިގެންވީ ހުރިހާ ފަރާތްތަކުގެ ގާނޫނީ އިހުމާލެއް އޮތްތޯ ބަލައި ގޮތެއް ކަނޑައެޅުން
  •  ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކާއި ދައުލަތުގެ ފަރާތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޝާމިލުވި އެންމެހާ މަސްއޫލުވެރިންނާއި އިހްތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހާ ފަރާތްތަކުގެ ގާނޫނީ އިހުމާލެއްވާ ނަމަ، އެ ކަންކަން ބަލައި އެ ފަރާތްތަކުގެ ގާނޫނީ އިހުމާލުގެ އިންތައް ކަނޑައެޅުން
  •  މައްސަލައަށް ރާއްޖެއިން ޖަވާބުދާރީވުމުގައި އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހާ ކަންކަމުގައި ޒިންމާކުރުވަންޖެހޭ ފަރާތްތަކާ މެދު އެޅުމަށް ކޮމިޝަނަށް ފެންނަ ފިޔަވަޅުތައް ކަނޑައެޅުން
  •  މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލާ، ރައްކާކޮށްފައިވާ ގޮތް ބަލައި ތަހުގީގު ކުރުން
  •  ކޮމިޝަނުގެ ތަހުގީގަށް ހޯދޭ ކަންކަމުގެ އަލީގައި ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދައަކުން ކަންކަން އިންތިޒާމުކުރުމަށް ކޮމިޝަނަށް ފެންނަ ކަންކަން ހުށަހެޅުން

ކޮމިޝަނާ މަތިކޮށްފައިވާ ހުރިހާ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައަޅުއްވަންދެން ކޮމިޝަން ދެމިއޮންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.