ނަޝީދު މިހެން ވިދާޅުވީ އީގަލްސް ހިލްސް މަޝްރޫއާ މެދު ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެފައި ވަނިކޮށެވެ.

އެމްޑީޕީގެ އަސްލު ފިކުރު ހަނދާން ނެތި މިސްރާބު ގެއްލޭތީ އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަހަކަށް އައިސް އެމްޑީޕީގެ މިސްރާބު ހުރީ ކަންބޮޑުވާ މިސްރާބަކަށް ކަމަށާއި އެ ޕާޓީއަކީ އެއްއިރެއްގައި ހަމަހަމަކަމާއި ޑިމޮކްރެޓިކް ރިފޯމަށް ވަކާލާތުކުރި ބައެއް ކަމަށެވެ.
ނަމަވެސް މިހާރު ޕާޓީން ފެންނަނީ ބިދޭސީންނާ މެދު ނަފުރަތު އުފެއްދުމުގެ ސިޔާސަތާއި ހަރުކަށި ގައުމީ ފިކުރު ކަމަށާއި އެއީ އެމްޑީޕީގެ ފެށުން ބިނާވި އަދި ޕާޓީގެ އެންމެ ކުރީގެ ސަޕޯޓަރުންނަށް ހިތްވަރު ލިބުނު އަސާސީ އުސޫލުތަކާ މުޅިން ހިލާފު މިސްރާބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޕާޓީގެ ތެރޭގައި ތިބި ގިނަ ބަޔަކަށް މިހާރު ގަބޫލު ކުރެވެނީ އިންތިހާބީ ކާމިޔާބީއަކީ ރައްޔިތުންގެ މެދުގައި ނަފުރަތާއި ބިރުވެރިކަން އުފައްދައި، ބައިބައިކޮށްގެން ހޯދޭނެ އެއްޗެއް ކަމަށް. ނަމަވެސް މިފަދަ އުކުޅުތަކުގެ ސަބަބުން އެމްޑީޕީއަށް އަބަދުވެސް ތާއީދުކުރަމުން އައި ތަފާތު ހިޔާލުތަކަށް އިހުތިރާމްކުރާ ދުނިޔެއަށް ހުޅުވާލެވިފައިވާ ފިކުރުގެ މީހުން ޕާޓީ އާ ދުރުވުމުގެ ބިރު އެބައޮތް،" ނަޝީދު ވިދާޅުވި އެވެ.
"ކުރު މުއްދަތެއްގެ ސިޔާސީ ފައިދާއަކަށްޓަކައި ޕާޓީގެ އަސްލު ސަޕޯޓަރުން ބާކީކޮށްލުމަކީ ނުބައި ނިންމުމެއްގެ އިތުރުން ޕާޓީއަށް ލިބޭނެ ބޮޑު ނިކަމެތިކައް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ކުރިން ގެންގުޅުނު "ބިރަކާ ނުލައި މަޖާ ކުރުން" ކެމްޕޭން ޝިއާރުގެ މަތިން ހަނދާން ކޮށްލަން ޖެހޭ ކަމަށެވެ.
އެ މެސެޖުގެ ސަބަބުން ޕާޓީއަށް އޮތް ތާއީދު ކުޑަވުމުގެ ބަދަލުގައި ޕާޓީގެ ފިކުރު ފުޅާވެ އެހެން މީހުން ޖެހިލުންނުވާނެ ފަދަ ގޮތަކަށް ގާތްގަނޑަކަށް 20،000 އެއްހާ ވޯޓު ލިބުނު ކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ސިޔާސީ ހަތިޔާރަކަށް ދީން ހަދައިގެން، "ޒަޔަނިސްޓުން ގައުމު ހިފަނީ" ކަމަށް ބުނާ ފަދަ އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ ޕާޓީގެ އިތުބާރު ކުޑަ ވާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިފަދަ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްގެ އިތުރުން، އާންމު މަސްލަހަތު ގެއްލުވާލައި ގައުމީ ސިޔާސީ މަޝްވަރާތަކުގެ ފެންވަރު ދަށްކޮށްލާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ މިދާ މިސްރާބުން ދާނަމަ ޕާޓީގެ އަމިއްލަވަންތަކަމާއި އެހެން ޕާޓީތަކާ ތަފާތުކޮށް ދޭ މުހިންމު އުސޫލުތައް ގެއްލިގެން ދާނެ ކަމަށެވެ.
ފަހަކަށް އައިސް އެމްޑީޕީގެ ތެރޭގައި އެންމެ ހިޔާލު ތަފާތުވުން ބޮޑު މައްސަލައަކަށް ވީ ސަރުކާރުން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅިގެންނެވެ. ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ބައެއް ސަޕޯޓަރުން އެ މަޝްރޫއާ މުޅިން ދެކޮޅުވި ނަމަވެސް ނަޝީދު ވަނީ މަޝްރޫއަށް ތާއީދު ކުރައްވައިފަ އެވެ. އަދި އީގަލްސް ހިލްސްގެ ވެރިޔާ މުހައްމަދު އަލްއައްބާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ނުކުރުމަށް ވެސް ނަޝީދު ވަނީ ގޮވާލައިފަ އެވެ.