މި މައްސަލައިގެ އިތުރުން، ބޭރު ފަރާތްތަކުން ދިވެހިންގެ ނަމުގައި ކުންފުނިތައް ހަދައިގެން ރާއްޖޭގައި ފަތުރުވެރިކަމުގެ އުޅަނދުތައް އޮޕަރޭޓްކުރަމުންދާ މައްސަލައިގައި އެންބީއޭއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މޯލްޑިވްސް ލެޖެންޑް ލިވަބޯޑާއި އިންފިނިޓީ އެކްސްގެ ޑައިވިން ޓީމުތަކާ ދެމެދު ހިނގި ހަމަނުޖެހުމުގެ މައްސަލަ ފުރިހަމަ އަދި އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މޯލްޑިވްސް ޕޮލިސް އާއި ޓޫރިޒަމް މިނިސްޓްރީގައި އެދިއްޖެ އެވެ.
ޑައިވިނަށް ދިޔަ ބައެއްގެ މެދުގައި ހިނގި ހަމަނުޖެމެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ. މިކަމާ ގުޅިގެން އެންބީއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގައި ކަމުގެ ހަގީގަތް ނުބަލައި އަވަސް އަރުވާލައިގެން ތުހުމަތުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ވަކި ބަޔަކު ކުރި ކަމެއްގެ ސަބަބުން މުޅި ރާއްޖޭގެ ޑައިވިން އަދި ބޯޓިން ސިނާއަތް ބަދުނާމުކޮށް، ރާއްޖެއަކީ ޑައިވްކުރުމަށް ރައްކާތެރި ނޫން މަންޒިލެއްގެ ގޮތުގައި ސިފަނުކުރުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.
މި މައްސަލައިގެ އިތުރުން، ބޭރު ފަރާތްތަކުން ދިވެހިންގެ ނަމުގައި ކުންފުނިތައް ހަދައިގެން ރާއްޖޭގައި ފަތުރުވެރިކަމުގެ އުޅަނދުތައް އޮޕަރޭޓްކުރަމުންދާ މައްސަލައިގައި އެންބީއޭއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން، 'އިންފިނިޓީ އެކްސް' އަކީ ކުރިން ބޭރުގެ އުޅަނދެއްގެ ގޮތުގައި އޮޕަރޭޓްކުރަމުން އައިސް، ފަހުން ދިވެހި ކުންފުންޏެއްގެ ދަށަށް ބަދަލުކޮށްފައިވާ އުޅަނދެއްކަން ފާހަގަކޮށް، މިކަމުގައި ދިވެހިންގެ ހަގީގީ ހިއްސާއެއް ނުވަތަ އޮޕަރޭޝަނަލް ކޮންޓްރޯލެއް އޮތްތޯ އެ އެސޯސިއޭޝަނުން ވަނީ ސުވާލު އުފައްދާފަ އެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން މިފަދަ ކުންފުނިތަކުގެ އަސްލު މިލްކުވެރިކަން އޮތް ގޮތް ބެލުމަށް އެންބީއޭއެމް އިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީގެ ރެކޯޑުތަކާއި ބައިނަލްއަގުވާމީ ބުކިން ޕްލެޓްފޯމުތަކުގައި 'އިންފިނިޓީ އެކްސް' ގެ ކެޕޭސިޓީ ދައްކާފައިވާ ގޮތުގައި ފަރަގު ތަކެއް ހުރިކަން އެންބީއޭއެމް އިން ވަނީ ފާހަގަކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގައި ގޯލޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން މި އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ 20 ކޮޓަރި އަދި 40 އެނދުގެ ޖާގައާއެކު ކަމަށް ވިޔަސް، ލިވްއަބޯޑް ޑޮޓް ކޮމް ފަދަ ޕްލެޓްފޯމްތަކުގައި އިޝްތިހާރުކޮށްފައިވަނީ 19 ކެބިން އަދި ގިނަވެގެން 30 މެހެމާނުންނަށް ކަމަށް އެ ބަޔާނުގައި ވެއެވެ. މި ތަފާތުތައް ސާފުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ވަނީ ގޮވާލާފަ އެވެ.
އެ ޖަމިއްޔާގެ ބަޔާނުގައިވާ ގޮތުން ރާއްޖޭގެ ބޯޓިން ސިނާއަތަކީ ދިވެހި ވިޔަފާރިވެރިންގެ ބުރަ މަސައްކަތުން ބިނާކޮށްފައިވާ ސިނާއަތެއްކަން ފާހަގަކޮށް، ޤާނޫނުތަކުގެ ހުސްކަން ބޭނުންކޮށްގެން އަންނަ ނާޖާއިޒު ވާދަވެރިކަމުން ދިވެހި ވިޔަފާރިތައް ހިމާޔަތްކުރުމަށް އެދިފަ އެވެ.