ފިނި މޫސުމާ ދިމާކޮށް ފެށި މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ރަޝިޔާގެ ނޯވޯސިބިއެސްކް އިން ފުރައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ޖައްސާފައިވަނީ ހުކުރު ދުވަހުއެވެ.

މޮސްކޯ ފިޔަވައި ރަޝިޔާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ކުރާ ފުރަތަމަ ސީދާ ދަތުރުތައް، ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއަރލައިން ކަމަށްވާ 'އެސް-ސެވަން' އިން ފަށައިފިއެވެ.
ފިނި މޫސުމާ ދިމާކޮށް ފެށި މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ރަޝިޔާގެ ނޯވޯސިބިއެސްކް އިން ފުރައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ޖައްސާފައިވަނީ ހުކުރު ދުވަހުއެވެ. 10 ގަޑިއިރުގެ މި ދަތުރަށްފަހު ރާއްޖެ އައި ފަސިންޖަރުންނަށް ވީއައިއޭ އިން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޢުލޫމާތު ދޭގޮތުގައި އެސް-ސެވަންގެ ދަތުރުތައް ހަފްތާއަކު ދެ ދުވަހު (ހޯމަ އަދި ހުކުރު ދުވަހު) ބާއްވާނެ އެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓުތަކެވެ.
މި ދަތުރުތަކަކީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކަށްފަހު ފެށުނު ދަތުރުތަކެކެވެ. މީގެ އިތުރުން، މިއަހަރުގެ ފަހު ކުއާޓަރުގައި އިތުރު 7 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެކަމަށް ވަޒީރު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.