ފިޝަރީޒް މިނިސްޓްރީން ބުނީ އަލަށް ގެނެވުނު ބަދަލާއެކު، އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށް ވެސް މި ފެސިލިޓީގެ ދަށުން ފައިނޭންސް ހަމަޖެހިގެންދާނެ ކަމަށެވެ.

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ގާއިމްކުރަން ދޫކުރާ ލޯނު، ދެ މިލިއަން ރުފިޔާ އިން ހަތަރު މިލިއަން ރުފިޔާއަށް ބޮޑުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، ރެފްރިޖަރޭޓެޑް ސީ ވޯޓާ (އާރްއެސްޑަބްލިއު) ފައިނޭންސިން ފެސިލިޓީގެ ލިމިޓް، އެއްވެސް ރަހުނަކާ ނުލައި ހަތަރު މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ގޮތަށް އިތުރުކޮށް، އުޅަނދުތަކުގައި އިންޖީނު އެޅުމަށްވެސް ފައިނޭންސް ދޫކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މި ސްކީމަކީ އެ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ލައިވްސް އެންޑް ލައިވްލިހޫޑް ފަންޑް (އެލްއެލްއެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ފައިނޭންސިން މިހާތަނަށް ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމާއި، ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން ބުނީ އަލަށް ގެނެވުނު ބަދަލާއެކު، އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށް ވެސް މި ފެސިލިޓީގެ ދަށުން ފައިނޭންސް ހަމަޖެހިގެންދާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ މި ފެސިލިޓީގެ މައިގަނޑު މަގުސަދަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދީ، ބާނާ މަހުގެ ތާޒާކަން ދަމަހައްޓައި، ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުން ކަމަށެވެ.