ނަތަންޔާހޫއަށް ވެރިކަން ގެއްލިއްޖެނަމަ، އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ދައުވާތަކާ ކުރިމަތިލާން މަޖުބޫރުވާނެއެވެ.

އިސްތިއުމާރީ ދައުލަތް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޤާނޫނުހަދާ މަޖިލީހުގެ (ކްނެސެޓް) އަޣުލަބިއްޔަތު ގެއްލުމާ ގުޅިގެން، ބޭރުގެ އެހީތެރިކަމާއެކު ޢަރަބިން އިސްކޮށް އުޅޭ ޕާޓީތަކުން އިންތިޚާބު "ވަގަށް ނަގާފައިވާ" ކަމަށް ބުނެ، އެއްވެސް ހެއްކެއް ނެތް ތުހުމަތުތަކެއް ނަތަންޔާހޫގެ ލިކޫޑް ޕާޓީން ކުރަން ފަށައިފި އެވެ.
ރޮއިޓާސް އިން ބުނީ އިންތިޚާބުގެ ފަހުގެ ނަތީޖާ ދައްކާގޮތުން 120 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުން ނަތަންޔާހޫގެ ކޯލިޝަނަށް ލިބިފައިވަނީ 53 ގޮނޑިއެވެ. އޭނާއާ އިދިކޮޅު ފަރާތްތަކަށް 48 ގޮނޑި ލިބިފައިވާއިރު، ޢަރަބި ޕާޓީތަކުން ވަނީ 19 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއާއެކު އިދިކޮޅު ފަރާތްތަކާއި ޢަރަބި ޕާޓީތައް ގުޅިގެން އައު ސަރުކާރެއް އެކުލަވާލުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.
ނަތަންޔާހޫގެ ޕާޓީން ތުހުމަތުކުރާ ގޮތުގައި، ޤަތަރު ފަދަ ޤައުމުތަކުގެ އެހީގައި އިންތިޚާބަށް ނުފޫޒު ފޯރުވައިގެން ޢަރަބި ޕާޓީތަކުން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ. ނަމަވެސް، ޤަތަރުން ވަނީ މިކަން ދޮގުކޮށް، މިއީ "ނުރައްކާތެރި އަދި ހެއްވާ" ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. އިސްރާއީލުގެ އިލެކްޝަން ކޮމިޓީން މި މައްސަލަ ތަޙުޤީޤުކުރުމަށް އެ ޤައުމުގެ ޖާސޫސީ އިދާރާ (ޝިން ބެޓް) އަށް އަންގާފައިވީ ނަމަވެސް، އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާ ފަދަ ނުވަތަ އިންތިޚާބުގެ ނަޒާހަތްތެރިކަން ގެއްލޭފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ހެއްކެއް ނެތްކަމަށް އިލެކްޝަން ކޮމިޓީން ވަނީ ހާމަކޮށްފައެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް ވަނީ ނަތަންޔާހޫގެ މި ތުހުމަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ލިކޫޑް ޕާޓީން މިފަދަ ވާހަކަތައް ދައްކަނީ އިންތިޚާބުން ބަލިވުމުން، ނަތީޖާ ޤަބޫލުނުކުރަން ވެގެން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ދެކޭގޮތުގައި ނަތަންޔާހޫ މަސައްކަތްކުރައްވަނީ ޢަރަބި އާބާދީއާމެދު ނަފްރަތު އުފައްދައި، އިދިކޮޅު ފަރާތްތަކާއި ޢަރަބި ޕާޓީތައް ގުޅިގެން ސަރުކާރެއް ހެދުމަށް ހުރަސްއެޅުމަށެވެ.
ނަތަންޔާހޫއަށް ވެރިކަން ގެއްލިއްޖެނަމަ، އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ދައުވާތަކާއި، 7 އޮކްޓޯބަރު 2023 ގައި ހަމާސްއިން ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ކަންކަމުގައި ހުރި މައްސަލަތަކުގެ ތަޙުޤީޤާ އޭނާއަށް ކުރިމަތިލާން ޖެހޭނެކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.