"ހަގީގީ ތަރައްގީއަކީ ހަމައެކަނި އިގްތިސާދީ އޮނިގަނޑަށް އަންނަ ކުރިއެރުމެއް ނޫން. އެއީ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމުގެ ފެންވަރުން ފެންނަންޖެހޭނެ ހެޔޮ ބަދަލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަކީ 2040 ވަނަ އަހަރު އަންނައިރު ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ދުރުރާސްތާ ސިޔާސަތުތަކުގެ ބިންގާ އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދު ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ބަޖެޓުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މެކްރޯ އިކޮނޮމިކް ހަމަޖެހުން ދަމަހައްޓައި، ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ހާލަތު ދެމެހެއްޓެނިވި ހަރުދަނާ މިސްރާބަކަށް ގެނައުން ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، 2040 ގެ ތަސައްވުރަށް އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭންގެ ދަށުން ސަރުކާރުގެ މަސައްކަތްތައް ތަރުތީބުވެގެންދާއިރު، އެންމެ މުހިންމު އަސާސަކީ ރައްޔިތުންގެ ކުރިއެރުމަށާއި އިގްތިސާދު ވަރުގަދަކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމެވެ.
އެގޮތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، އިންވެސްޓްމަންޓްތައް ރޭވުންތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ ވަސީލަތްތައް އެންމެ ފައިދާހުރި އަދި ޒިންމާދާރު ގޮތެއްގައި ބޭނުންކުރުން ކަށަވަރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ހަގީގީ ތަރައްގީއަކީ ހަމައެކަނި އިގްތިސާދީ އޮނިގަނޑަށް އަންނަ ކުރިއެރުމެއް ނޫން. އެއީ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމުގެ ފެންވަރުން ފެންނަންޖެހޭނެ ހެޔޮ ބަދަލެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އަދި ސަރުކާރުގެ މި ތަސައްވުރުގެ ތެރޭގައި ޒަމާނީ އުމްރާނީ ވަސީލަތްތަކާއި، ދަތުރުފަތުރުގެ ފުރިހަމަ ނިޒާމު، ފެންވަރު ރަނގަޅު ސިއްހީ އަދި ތައުލީމީ ހިދުމަތްތަކުގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ ޖުމްލަ 59 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރުގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ފިނޭންސް މިނިސްޓްރީގެ އަންދާޒާތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 3.9 ޕަސެންޓާއި 6.8 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން، މި ހިނގާ އަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 817.7 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރު ނިމޭއިރު އެ އަދަދު 907.2 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.