ބަޖެޓު 27 | ވަށައި ޖެހޭ ހައްލެއް ހޯދަން ބޯހިޔާވެހިކަމަށް 3 ބިލިއަން

"މިކަމަށް ހާއްސަކޮށް ތިން ބިލިއަން ރުފިޔާ 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ. މި މަޝްރޫ އިން މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ވަށާޖެހޭ ހައްލެއް ގެނެސްދޭނެ،" ޒަރީރު ވިދާޅުވި އެވެ.

ވިނަރެސް ފްލެޓްތަކެއް : ބޯހިޔާވަހިކަމަށް އަންނަ އަހަރުގެ ބަޖެޓުގައި 3 ބިލިއަން ރުފިޔާ ވަނީ ހިމަނާފައި --

ރާއްޖެ އަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ އަށް ވަށައި ޖެހޭ ހައްލެއް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ ހިމަނަން ނިންމައިފި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި އިޖުތިމާއީ ތަކުލީފުތަކަށް ހަރުދަނާ އަދި ދާއިމީ ހައްލުތަކެއް ހޯދައިދިނުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވެހިކަމުގެ ދަތިކަން ކަމަށެވެ.

މި ދަތިކަމަށް ދާއިމީ ނިމުމެއް ގެނައުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން އިތުރުކުރުމުގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ. 

"މިކަމަށް ހާއްސަކޮށް ތިން ބިލިއަން ރުފިޔާ 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ. މި މަޝްރޫ އިން މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ވަށާޖެހޭ ހައްލެއް ގެނެސްދޭނެ،" ޒަރީރު ވިދާޅުވި އެވެ.

ތިން ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރޭގައި އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި 750 މިލިއަން ރުފިޔާ ދޫކުރުމަށް ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"މިއީ ގިނަ އާއިލާތަކެއްގެ އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމެއް." އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރަށްރަށުގައިވާ ހުސްބިންތަކުގައި ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ގާއިމުކޮށް ދިރިއުޅުމަށް ފަހި ވެއްޓަކަށް ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ. 

ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.